ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ގެންގަން ހުށަހެޅި އިސްލާހު އަނބުރާ ގެންދިއުމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ގޮވާލައިފި އެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ޔުނިވާސިޓީގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޔުނިވާސިޓީގެ ކައުންސިލުގައި މަގާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ހަތަރު މެމްބަރުން ތިއްބަވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެމްބަރުން ވެސް އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވަ އެވެ. ހަމައެއާ އެކު އިންތިހާބު ކުރާ ހަތަރު މެމްބަރުން ހިމެނުމަށް ވެސް ރިފާއު ވަނީ އިސްލާހު ހުށަހަޅާފައި އެވެ.
މިކަމާގުޅޭގޮތުން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔުނިވަރސިޓީގެ ޤާނޫނަށް މިހާރު ހުށައަޅުއްވާފައިވާ އިސްލާޙު އެގޮތަށް ފާސްވެއްޖެނަމަ ޔުނިވަރސިޓީ ހިނގަމުންދާނީ ޔުނިވަރސިޓީއެއް ހިންގަންޖެހޭ ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އުފެއްދި ވިސްނުމާވެސް މުޅިން ޚީލާފަށް ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ.
" ޔުނިވަރސިޓީގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލި ސިޔާސީ ތަނަކަށް ޔުނިވަރސިޓީ ބަދަލުވެގެން ދިއުމުން ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވާނެ. އެކިއެކި ސިޔާސީ މީހުން ޔުނިވަރސިޓީއިން ވަޒީފާދީ، އަދި ބައެއް ފަރާތްތަކަށް ވަޒީފާއިން ވަކިކޮށް، އެކިއެކި ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށް ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނާއި ވަސީލަތްތައް ނާޖާއިޒް ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެން ދާނެ. ކޯސްތައް އެކިއެކި ކެމްޕަސްތަކުގައި ފެށުމުގައާއި ނުފެށުމުގައި، ދަރިވަރުން ކޯސްތައް ހޮވުމުގައާއި ނުހޮވުމުގައި، ދަރިވަރުން މާއްދާތަކުން ފާސްކޮށްދިނުމުގައާއި ފާސްކޮށް ނުކުރުމުގައި، ސިޔާސީ ފިކުރު، ޢިލްމީ މިންކުރުމާ މަސްހުނިވާނެ. ޔުނިވަރސިޓީގެ އެންމެ މުހިންމު އެއް ޒިންމާއެއްކަމުގައިވާ ދިރާސާކުރުމާއި ދިރާސާކޮށްގެން އުފައްދާ މަޢުލޫމާތު/ޢިލްމު ޢާންމުކުރުމަށް ވަރަށް ބޮޑު ހުރަހެއް އެޅިގެން ދިއުމުގެ ފުރުޞަތު ބޮޑުވާނެ. އަދި ދިރާސާކުރުމަށް ސަރުކާރު ބޭނުންނުވާ ކަންކަން ދިރާސާ ނުކޮށް، ސަރުކާރު ބޭނުންވާ ކަންކަމާ ބެހޭގޮތުން ސަރުކާރު ބޭނުންވާ ގޮތަށް މަޢުލޫމާތު ފެތުރުމަށް (ޕްރޮޕަގެންޑާއަށް) ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިހާރު، ކައުންސިލަށް ޔުނިވަރސިޓީ ތެރެއިން ބައިވެރިވާ ހުރިހާ މެންބަރުންނަކީ އިންތިޚާބު ކުރެވޭ މީހުން ކަމަށެވެ. އަދި ބޭރުން ކައުންސިލްގައި ބައިވެރިވާ މީހުންނަކީ ވެސް ޢާންމުކޮށް އިޢުލާންކޮށްގެން ކުރިމަތިލާ މީހުންގެ ތެރެއިން، ކައުންސިލުން ކަނޑައަޅާ މިންގަނޑުތަކެއްގެ މައްޗަށް މިނިވަން ކޮމިޓީއަކުން ހޮވޭ މެންބަރުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަނީ ހަމައެކަނި ޗާންސެލަރ ކަމަށެވެ. އަދި ޗާންސެލަރގެ މައިގަނޑު މަސްއޫލިއްޔަތަކީ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ ކަންކަން ކުރެއްވުން ކަމަށާއި ކައުންސިލުން އެކަށައަޅާ ސިޔާސަތުތަކާ އެއްގޮތަށް ޔުނިވަރސިޓީ ހިންގަމުން ގެންދަވަނީ އިންތިޚާބުކުރެވިފައިވާ ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުން ކަމަށެވެ.
އަދި ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު ބައްޓަން ކޮށްފައިވާނީ ތަހުޒީބު މުޖްތަމަޢު ތަކުގައިވެސް މިފަދަ ޔުނިވަރސިޓީތައް ހިންގާ ގޮތަށް ކަމަށާއި ސިޔާސީ ނާޖާއިޒު ނުފޫޒުތަކުން އެއްކިބާ ވެގެން ސިޔާސީ އޮއިވަރުގައި ނުޖެހި ތެދުވެރިކަމާ މިނިވަންކަމާއެކު ޢިލްމީ މަސައްކަތް ކުރާ މުއައްސަސާ އެއްގެ ގޮތުގައި ހިންގުމަށް ކަމަށް އަދި ވެރިކަން ބަދަލު ވިޔަސް ޢިލްމީ މަސައްކަތަށް ގުޑުން ނާރާ ހިނގަމުންދާނެ ފަންނީ ތަނެއްގެ ގޮތުގައި ހިންގުމަށް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެހެންކަމުން، މިހާތަނަށް ޔުނިވަރސިޓީ ހިންގަމުންގެންގޮސްފައި ވަނީ ޔުނިވަރސިޓީ ޤާނޫނު ތަޞައްވަރުކޮށްފައިވާ މިނިވަންކަމާއި މުސްތަޤިއްލުކަން މަތީގައި ކަމަށާއި އެހެން ނަމަވެސް އެ ޔުނިވަރސިޓީގެ އެއްވެސް ބަހެއް ނެތި، ޔުނިވަރސިޓީގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވެއިރު މި ބިލްގައި ވާގޮތުން، ޔުނިވަރސިޓީ ހިންގުމުގެ ހުރިހާ ބާރެއް މަތިކޮށްފައިވާ 15 މެންބަރުންގެ ޔުނިވަރސިޓީ ކައުންސިލްގައި މަޤާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ޔުނިވަރސިޓީގެ ޗާންސެލަރާއި، ވައިސް ޗާންސެލަރާއި، ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް)، އާއި ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން)، އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާން ކޮށްފައިވާއިރު މީގެ އިތުރުން ޔުނިވަރސިޓީގެ ބޭރުން ކައުންސިލްގައި ބައިވެރިވާ 5 މެންބަރުން ވެސް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާން ކޮށްފައިވާއިރު ބުނެވި ދިޔަ ސަބަބު ތަކާހުރެ ޔުނިވަރސިޓީ ޤާނޫނަށް މި ހުށައަޅާފައިވާ އިސްލާޙުތަކާ މެދު އެމްޑީޕީން ވަރަށް ބޮޑަށް ކަންބޮޑު ވާ ކަމަށެވެ.
އެހެންކަމުން މި ބިލް އަނބުރާ ގެންދިއުމަށް އެމްޑީޕީން ހަރު އަޑުން ސަރުކާރަށް ގޮވައިލާ ކަމަށާއި އަދި، އަންނަން އޮތް ޖީލުގެ މުސްތަޤުބަލަށްޓަކައި މި އިސްލާހުތައް މިގޮތަށް ފާސް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރުންނަށް ވެސް ގޮވައިލާ ކަމަށް އަދި މަތީ ތަޢިލީމުގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކާއި މަތީ ތަޢުލީމު އުނގެނޭ އެންމެހާ ދަރިވަރުން މި ބިލް ފާސްކުރުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް