އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ޓީސީ ސްޕޯޓްސް ކްލަބު ހިފަހައްޓައެއް ނުލެވުނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ދިވެހި ޕްރިމިއާ ލީގު މެޗުގައި ވިކްޓަރީގެ މައްޗަށް ޓީސީއިން ކުރި ހޯދީ ފަހުވަގުތު ކާމިޔާބުކުރި ލަނޑަކާއެކު އެވެ. މިމެޗު ނިމިގެންދިޔައީ 3-2 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެމުންދިޔައީ ޓީސީއިންނެވެ. އެގޮތުން ޓީސީއިން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ޓީސީއިން ދެވަނަ ހާފަށް ކުރިމަތިލީ ބޮޑު ބަދަލުތަކަކާއެކު އެވެ. އެގޮތުން ދެވަނަ ހާފަށް ކުޅެން ނުކުތްއިރު، އެޓީމުގެ ބިދޭސީ ދެ ފޯވަޑުން ކަމަށްވާ ރަފީނިއާ އަދި ސަންޓޯސްގެ ބަދަލުގައި އިބްރާހިމް ޝަފްރާޒް އަދި އަހްމަދު ނިޒާމް (ނިޒާމްބެ) ކުޅެން އެރުވިއެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް ޓީސީއިންނެވެ. މެޗުގެ 64 ވަނަ މިނެޓްގައި ވިކްޓަރީގެ ޒާދު ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި އަލީ ޝަރީފް (އައްޔަ) އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވީނަމަވެސް، ގިނައިރުތަކެއް ނުވަނީސް ވިކްޓަރީން ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ގޮޑްފްރޭ ވެސްޓް އެވެ. އޭނާއަށް ލިބުނު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ޓީސީގެ ކީޕަރު އިމްރާންގެ ބޯމަތިންނެވެ.
މެޗުގެ 77 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް ޓީސީއަށް ލީޑު ހޯދައިދިނީ ކުޑުސް ކެލާނީ އެވެ. ހިލޭ ޖެހުމަކުން ޒާދު ނަގައިދިން ހުރަހުން ކުޑުސް ލީޑު ނަގައިދިން ނަމަވެސް، މިފަހަރުވެސް މާގިނައިރުތަކެއް ނުވަނީސް ވިކްޓަރީން ނަތީޖާ ހަމަހަމަކުރި އެވެ. މިލަނޑު ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ ބަހުޖާތު އަބްދުލް އަޒީޒް (ބަހޫ) އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ އެއް މިނެޓް ނުވަނީހެވެ.
މެޗުގައި ތިންވަނަ ފަހަރަށް ޓީސީއިން ލީޑު ހޯދީ މެޗުގެ އެންމެ ފަހު މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒާދު އެވެ. މިލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ވިކްޓަރީގެ ކުޅުންތެރިޔަކު އަނިޔާވެގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓިފައި ވަނިކޮށެވެ.
މިމޮޅާއެކު ޓީސީއިން ވަނީ ވިކްޓަރީގެ ކުރިއަށް ޖެހިލައިފައެވެ. ފަސް މެޗުން ވިކްޓަރީއަށް 6 ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. މާޒިޔާ އާއި އީގަލްސްއަށް ވެސް 8 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ އެންމެ ކުރީގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް