ކަންގަނާގެ ކަންކަށިމަތީގައި އެއާޕޯޓު ސެކިއުރިޓީގެ އަންހެން އޮފިސަރަކު ޖަހައިފި

އިންޑިއާގެ ނިމިދިޔަ އާންމު އިންތިޚާބުގައި ހިމާޗަލް ޕްރަދޭޝްގެ މަޖިލިސް މެންބަރު ކަމަށް އިންތިޚާބުވެފައިވާ ކުރީގެ ފިލްމީ ތަރި ކަންގަނާ ރަނާވަތުގެ ކަންކަށިމަތީގައި މިއަދު މީހަކު ޖަހައިފިއެވެ. ކަންގަނާގެ...

06 Jun 2024 | 18:32

އިންޑިއާގެ ނިމިދިޔަ އާންމު އިންތިޚާބުގައި ހިމާޗަލް ޕްރަދޭޝްގެ މަޖިލިސް މެންބަރު ކަމަށް އިންތިޚާބުވެފައިވާ ކުރީގެ ފިލްމީ ތަރި ކަންގަނާ ރަނާވަތުގެ ކަންކަށިމަތީގައި މިއަދު މީހަކު ޖަހައިފިއެވެ.

ކަންގަނާގެ ކަންކަށިމަތީގައި ޖަހާފައިވަނީ ޗަންތީސްގަޅު އެއާޕޯޓުގައި ހަރަކާތްތެރިވަމުންދިޔަ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ އަންހެން އޮފިސަރު ކުލްވިންދަރު ކޯރެވެ.

ކަންގަނާ ބުނެފައިވާގޮތުގައި އެ މުވައްޒަފު ކަންގަނާގެ ކަންކަށިމަތީގައި ޖެހީ ސެކިއުރިޓީ ޗެކު ނިންމާފައި ވަންނަން ދިޔަ މަގުމަތީގައި އެއާޕޯޓުގެ ތެރެއިންނެވެ. އެ އަންހެން އޮފިސަރު ކަންގަނާއާއި ދިމާއަށް ހަޅޭއްލަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެއެވެ. ނަމަވެސް ޖަހާ މަންޒަރު އެ ވީޑިއޯއިން ނުފެނެއެވެ.

ކަންގަނާ ބުނެފައިވާގޮތުގައި އެ އޮފިސަރު ކަންގަނާގެ ކަންކަށިމަތީގައި ޖެހީ ކުރިން ހިނގާދިޔަ ދަނޑުވެރިކަމުގެ މުޒާހަރާއަކާއިގުޅޭގޮތުން ކަންގަނާ ދިން ބަޔާނާއިމެދު ހިތްހަމެނުޖެހުން އޮތުމުގެ ސަބަބުން ކަމަށެވެ.

އޭރު މީޑިއާއަށް ދިން ބަޔާނެއްގައި ކަންގަނާ ބުނެފައިވަނީ ދަނޑުވެރިންގެ އެފަދަ މުޒާހަރާތަކުގައި ދަނޑުވެރި އަންހެންވެރީން ބައިވެރިވަނީ އެންމެ 100 ރުފިޔާއަށް ކަމަށެވެ.

ކަންގަނާގެ މޫނުމަތީގައި ޖެހި އޮފިސަރު ބުނެފައިވަނީ އޭގެން މުޒާހަރާއެއްގައި އޭނާގެ މަންމަ ބައިވެރިވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް