ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެމްކޯގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ކ. މާފުށީގައި ވެމްކޯގެ ޚިދުމަތް ފަށައިފިއެވެ.
މިގޮތުން މި ޚިދުމަތް ފައްޓަވައިދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ތޯރިޤް އިބްރާހިމް ބައިވެރިވެވަޑައިގަތް ޚާއްޞަ ހަފްލާއަކުންނެވެ. މި ޙަފްލާގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއަށް ނިސްބަތްވާ އެހެނިހެން ބޭފުޅުންނާއި، މާފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އިތުރުން، ކ. މާފުށީގެ ކައުންސިލްގެ ފަރާތުން ބޭފުޅުންނާއި، ކ. މާފުށީގެ އެހެނިހެން މުޢައްސަސާތަކަށް ނިސްބަތްވާ ބޭފުޅުން ބައިވެރިވެވަޑައިގަތެކެވެ.
ވެމްކޯއިން ބުނެފައިވާގޮތުގައި ކ. މާފުށީގައި ވެމްކޯގެ ޚިދުމަތް ފެށިގެން އަންނާނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގައިގެންނެވެ. މި ޚިދުމަތުގެ ފީ ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނޭގޮތަށް ރަޖިސްޓްރީ ކުރެވޭނެގޮތް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނިކ ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 500ރ ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ހަމައެހެންމެ، ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނިއުކައި ދިނުމުގެ ޚިދުމަތްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވިޔަފާރިތަކުން ލީޓަރަކަށް 0.27ރ ގޭބިސީތަކުން 150ރ، ގެސްޓް ހައުސް ރޫމަކުން 100ރ ސަރުކާރުގެ މުއައްސަސާތަކުން ލީޓަރަކަށް 1.27ރ އަދި ކޮމާޝަލް ގޭޓްފީގެ ގޮތުން ކިލޯއަކަށް 2.66ރ ގެ ރޭޓުން ޚިދުމަތް އަގުކުރެވިގެންދާނެއެވެ.
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާއިން 17 އޯގަސްޓް 2021 ގައި ގެޒެޓްކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދުގެ ފަސްވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ޕްލާސްޓިކް، ބަދިގެ ކުނި އަދި އެހެނިހެން ކުންޏަށް ކުނި ވަކިކުރުމަށް ފަހުގައި މެނުވީ މި ކޯޕަރޭޝަނުން އުކާލާ ކުންޏާ ހަވާލުވުމަށް އުޒުރުވެރިވާނޭކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން އިތުރަށް ބުނެފައިވަނީ ކުރިއަށް ހުރި ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތް ކ. މާފުށީގައި ތަޢާރަފް ކުރެވިގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް