ކޮޓަރިއަށް ވަންގޮތަށް އަރްހާން ނުނިކުމެގެން ރައިހާނާ ހުރީ އިންތިހާއަށް ކަންތައް ބޮޑުވެފައެވެ. ސޯފާގައި އަސްގަރު އިނީ ބަހެއްކިޔަން ނުކެރިފައެވެ. އޭނާ އިންތިޒާރު ކުރަމުން އެދަނީ ރައިހާނާއާއެކު އެކަނި ވެވޭނެ ވަގުތަކަށެވެ. އޭނާ ބޭނުންވާ ގޮތަށް މާފަށް އެދެވޭނީ އޭރުންނެވެ. އަލައިކާއާއި އީލާކް އަދި ކުދިންކޮޅު ގެއަށް ފޮނުވާލުމަށްފަހު އެތަނުގައި މަޑުކޮށްގެން ތިބީ ފާރިހާއާއި ކައިލް އެވެ. ޖަނާންވީ އިޒްވާއާއެކު ކޮޓަރީގައެވެ.
އިޒްވާ ހުއްޓާނުލާ ރޮނީއެވެ. ބުނާނެ އެއްޗެއް ހަދާނެ ގޮތެއް އިޒްވާއަކަށް ނޭނގުނެވެ. ކައިރީގައި އިން ޖަނާން އޭނާ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން އިނެވެ.
އަރްހާންއާއެކު އެހާ ގާތްކަމެއް އިހުސާސްވީ ކީއްވެކަން އިޒްވާއަށް މިހާރު އެނގިއްޖެއެވެ. އަރްހާންގެ މޭގެ ތެރޭގައި އެވަނީ އޭނާގެ ކައިސަންގެ ހިތެވެ. އޭނާއަށް އަރްހާންގެ ދެކެ ލޯބިވެވުނީ އެހެންވެގެންބާއޭ ހިތަށް އެރިއެވެ. އަރްހާންވެސް މިހާރު ވިސްނާނީ އެކަމާކަން ޔަގީނެވެ.
ކޮޓަރިން ނިކުތް އަރްހާންގެ އަތުގައިވާ ފޮށި ފެނިފައި އެންމެންނަށް ލިބުނީ ހައިރާން ކަމެކެވެ. މަޑުމަޑުން ހިނގާފައި އައިސް އަރްހާން ހުއްޓުނީ ރައިހާނާ ކުރިމަތީގައެވެ.
"އަހަރެން މިދަނީ ފުރަން މަންމާ!! އާދެވޭނެ ވަކި ދުވަހެއް ނޭނގެ.." އަރްހާން ބުނެލިއެވެ.
"ނޫން ދަރިފުޅާ އެހެން ނުހަދާ.. ހުރިހާ ދަރިން މަންމައާ ވަކިވެގެން ދިޔައިމަ މަންމަ ކިހާ ދެރަވާނެ.. ފާރިހާ ބުނެބަލަ ހެޔޮނުވާނެ އަހަރެންނަކަށް ކެތެއް ނުވާނެ.. އަސްގަރު ބުނެބަލަ އަރްހާން ކައިރީ... " ރައިހާނާ ރޯންފަށައިފިއެވެ. އެއަޑަށް ކޮޓަރީގައި ތިބި ޖަނާންއާއި އިޒްވާވެސް ނިކުމެއްޖެއެވެ.
"ތިކަންތައްކުރަނީ ރަނގަޅަކަށް ނޫން އަރްހާން!! ބޮޑުއްތައަށްވެސް އަދި އިޒްވާއަށް އަރްހާންގެ އެހީތެރިކަން ބޭނުންވޭ.. ބަލަ އަރްހާންއެއް ނޫންތަ ބުނީ އިޒްވާދެކެ ލޯބިވާ ވާހަކަ..އޭނާއާއެކު އުޅެން ބޭނުންވާ ވާހަކަ.. އިޒްވާ ޝިވަންބެއާ އިންނަން އުޅޭތީއެއްނު އަރްހާން ދާން އުޅުނީ.. އެކަމަކު މިހާރު.. މިހާރު ހާލަތު ބަދަލުވެއްޖެ.. " ކައިލް ކުރިއަށް ޖެހިލަމުން ބުންޏެވެ. އެހިނދު އަރްހާން ބަލައިލީ އިޒްވާއަށެވެ. އިޒްވާއަށް ދެފަރާތަކަށް ބޯހޫރައިލެވުނީ ބޭއިޚްތިހާރުގައެވެ. އެމަންޒަރު ފެނި އަރްހާން ހިންދިރުވާލައިފިއެވެ.
"ކައިލް.. އަހަރެންގެ މޭގައި މިވަނީ ކައިސަންގެ ހިތް ކަން އެނގުނު ހިސާބުން ފެށިގެން އަހަރެންގެ އަމިއްލަ ނަފްސަށް އޮތް ޔަގީންކަން ގެއްލިއްޖެ.. އެއިހުސާސްތަކާ މެދު ޝައްކު އުފެއްދިއްޖެ.. ހަމައެކަނި ކައިސަންގެ ހިތުގެ ސަބަބުން އިޒްވާ އަހަރެންދެކެ ލޯބިވަނީކަން އިހުސާސްވެސް ކުރެވިއްޖެ.. އެހެންވާކަށް އަހަރެން ބޭނުމެއްނޫން.. ދެން ނޭނގެ ކައިލް!! އަހަރެންގެ އިހުސާސްތައް މުޅިން އޮޅުން ބޮޅުންވެއްޖެ.. އަމިއްލަ ނަފްސަށް ވަގުތު ބޭނުން.. އަމިއްލަ ނަފްސާ މެދު ޔަގީންކަން ލިބުނު ދުވަހަކުން އަހަރެން އެނބުރި އަންނާނަން.. ބައްޕަ އަހަރެންނަށް ދުވަހަކުވެސް ކަމެއްކޮށްދެންޏާ ދެން މަންމަ ދޫކޮށްލާފައި ނުދާތި.. " ފަހު ޖުމްލަ ބުނެލުމަށްފަހު އަރްހާން އެތަނުން ދިއުމަށް ހިނގައިގަތެވެ. ހަމައެވަގުތު އިޒްވާއަށް ވެސް ބަލައިލައިފިއެވެ. އަނެއްކާވެސް ހިންދިރުވައިލަމުން އިސްޖަހައިލެވުނީއެވެ. ރޯންފެށި ރައިހާނާ ގައިގާ ހިފެހެއްޓީ އަސްގަރެވެ. އަރްހާން ނިކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް އިޒްވާއަކަށް ނުކުރެވުނެވެ.
***********
ހަމަސް ފަސް
އެމަރޖެންސީއިން ނިކުމެފައި ޑޮކްޓަރު ދިން ހަބަރާއެކު އިޒްވާ ރައިހާނާގެ ކޮނޑުގައި ބޯއަޅައި ރޯންފަށައިފިއެވެ. އިޒްވާއަށް ހިތްވަރުދެމުން ދިޔައިރު ރައިހާނާ އިރުއިރުކޮޅުން ބުރަކަށީގައި ފިރުމާލައެވެ. އަނެއްފަރާތުގައި އިން އަސްގަރުވެސް ހިތްވަރުކުރާށޭ ބުނެ އިޒްވާގެ ބޮލުގައި ފިރުމާލައިފިއެވެ.
މަރިޔަމްގެ ހާލު ގޯސްވާން ފެށުމުން ހޮސްޕިޓަލަށް ގެނެވުނީ އިރުކޮޅެއް ކުރިންނެވެ. ދެންމެ ނިކުމެފައި ޑޮކްޓަރު އެދުނީ މަރިޔަމް މިދުނިޔެއާ އަލްވަދާއު ކިއި ކަމުގެ ހަބަރެވެ. އިރުކޮޅަކުން އެތަނަށް އައިސްވަން ޝިވަންއަށް އެހަބަރު ދިނީ އަސްގަރެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ފާރިހާގެ އާއިލާވެސް އެތަނަށް އައިސްފިއެވެ. އޭރު އިޒްވާވެސް ހުރީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައެވެ. ވިސްނެމުން ދިޔައީ ކައިސަން މަރުވުމަށްފަހު މަރިޔަމްގެ ސިއްޙީ ހާލަތަކަށް ކުއްލިއަކަށް އައި ބަދަލުތަކާ މެދުގައެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަރިޔަމްގެ ދުލުގައިވީ އެންމެ ނަމެކެވެ. ކައިސަންގެ ނަމެވެ. އެހިނދު އިޒްވާގެ ހިތަށް އައިސްވަނީ އަރްހާންގެ ނަމެވެ. އެތަނަށް އަރްހާން އަންނާނެނަމައޭ ހިތަށް އެރިއެވެ. އަރްހާން ދިޔަ ފަހުން އެންމެ ފަހަރަކުވެސް ހަބަރެއް ނުވެއެވެ. ރައިހާނާއަށްވެސް ގުޅާނުލައެވެ. އަރްހާންއާ މެދު ޝަކުވާއިން އިޒްވާގެ ހިތްވަނީ ފުރިފައެވެ.
މާގިނައިރުތަކެއް ނުވެ މަރިޔަމް ސަހަރާއަށް ގެންދެވުނެވެ. ކަށުކަމާކެމީގެ ކަންތައް ނިމެންދެން އާއިލާ ބޭރު ގޮނޑިތަކުގައި މަޑުކޮށްގެން ތިއްބެވެ. އެތެރޭގައި ހުރީ ރައިހާނާއެވެ. ޖަނާޒާގެ އެހެނިހެން ކަންތަކުގައި އުޅުނީ ޝިވަން އާއި ކައިލްއެވެ. އޭރު މަރިޔަމްގެ ގާތް މީހުންނާއި އަވަށްޓެރިން މޫނުބަލަން އަންނަން ފަށައިފިއެވެ.
"ކަށުނަމާދު އޮތީ އިޝާ ފަހުން.. " އަސްގަރު ކައިރީގައި އައިސް މަޑުކޮށްލަމުން ޝިވަން ބުނެލިއެވެ. އެއަޑު ޖަނާންގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް އިޒްވާއަށްވެސް އިވުނެވެ.
"ހާދަ ލަހުން.. އަދި އަސުރުވެސް ނުވެއެއްނު.. " ގަޑި ބަލައިލަމުން އަސްގަރު ބުންޏެވެ. އެހިނދު އަސްގަރުގެ ކަންފަތްދޮށުގައި ޝިވަން އެއްޗެއް ބުނެލައިފިއެވެ. އެހިސާބުން ދެން އިތުރަކަށް އަސްގަރުވެސް ސުވާލެއް ނުކުރެއެވެ. އިޒްވާވެސް އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ދިމާލަށް ހުރި ފާރުގައި ލެގިލަމުން ޝިވަން ފުން ނަޒަރަކުން އިޒްވާއަށް ބަލައިލިއެވެ. ޝިވަންގެ ހިތުގައި އިޒްވާއަށް ދެވިފައިވަނީ ވަރަށް ބޮޑު އިއްޒަތަކާ ޤަދަރެކެވެ. ހިޔާލަށް އައީ މީގެ ފަސްމަސް ކުރިން އިޒްވާ ކޯޓުގައި އޭނާއަށް މާފުދިން މަންޒަރެވެ. އެއީ ޝިވަން ގަސްދުގައި ކުރިކަމެއް ނޫން ކަމަށް ބުނަމުންނެވެ. ކޯޓުންވެސް ޥީޑިއޯ ބެލުމަށްފަހު އެގޮތަށް ނިންމާ ޝިވަންއަށް ދިނީ ތިންމަހުގެ ޖަލު ހުކުމެކެވެ.
މޫނުއަޅަން ގާތްވިއިރު ކައިލްއާއި ޝިވަން އަދި އަސްގަރުގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އަސްގަރު ޝިވަންއަށް ބަލައިލުމަށްފަހު ކަންތައްއޮތީ ކިހިނެއްތޯ އިޝާރާތުން އެހިއެވެ. އެހިނދު ޝިވަން ބަލައިލީ ކައިލްއަށެވެ. ކައިލް ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ނަމްބަރަކަށް ގުޅައިލިއެވެ.
މޫނު އަޅަން ތައްޔާރުވިއިރު އެންމެ ގާތުގައި ހުރީ އިޒްވާއެވެ. އިޒްވާ ކައިރީގައި ރައިހާނާއެވެ. އެމީހުންނާ ދިމާލުން އަނެއްފަރާތުގައި ހުރީ އަސްގަރެވެ. ފިރިހެނުން ތިބި ފަޅިން މީހުންތައް ފެޔަށް ޖެހެން ފެށުމުން އިޒްވާއާއި ރައިހާނާއަށް ބަލައިލެވިއްޖެއެވެ. އަސްގަރު ކައިރިއަށް އައިސް ހުއްޓުނު އަރްހާން ފެނިފައި ރައިހާނާ ތުންފަތުން ހިނިތުންވުމެއް ފާޅުވެލިއިރު އިޒްވާއަށް ތުންފިތައިލެވިއްޖެއެވެ. އަރްހާންގެ ނަޒަރު އިޒްވާއާއަށް އަމާޒުވެލި ހިނދު އިޒްވާ އަވަސް އަވަހަށް އިސްޖަހައިލިއެވެ. މޫނު އަޅާ ނިމި މަރިޔަމް ސަންދޯކަށް ލައިގެން ގެންދިޔައިރު ސަންދޯކުގައި ހިފަހައްޓައިގެން ތިބީ ކައިލްއާއި އަރްހާން އަދި އަސްގަރާއި ޝިވަންގެ އިތުރުން އެހެން ދެމީހެކެވެ.
ހުރިހާ ފިރިހެނުން އަންނަންދެން އަންހެންވެރިން ސަހަރާގެ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. އަރްހާން އައުމާއެކު ރައިހާނާ ގޮސް އަރްހާން ގައިގާ ބައްދައިފިއެވެ.
"މަންމަގެ އަރްހާން ކީއްވެ މަންމަ ދޫކޮށްފަ ދިޔައީ.. އެންމެ ފަހަރަކުވެސް މަންމައަށް ގުޅާވެސް ނުލަމެއްނު.. މަންމަ ހާދަ ދެރައެއްވިއްޔޭ..." އަރްހާންގެ މޭގައި ލައްވެގެން ހުރެ ރައިހާނާ ބުންޏެވެ. އިޒްވާ އިސްޖެހިގޮތަށް އުފުލައިވެސް ނުލިއެވެ.
"ސޮރީ މަންމާ!! އަހަރެންނަށް މާފުކުރޭ.. މަންމައާ ދޭތެރޭ ކަންތައް މިކުރެވުނީ އިންސާފަކަށް ނޫން.. " އަރްހާން ބުނެލިއެވެ.
"ދެން ނުކެރޭނެ ދާކަށް.. ދެން އަރްހާން ދަންޏާ ދާން ޖެހޭނީ މަންމަގެ ޤަބުރު ހުރަސްކޮށްފަ.. " ވީދެރައިން ރައިހާނާ ބުންޏެވެ.
"ތިހެން ނުބުނޭ މަންމާ!! އަހަރެން ދެން މަންމަ ދޫކޮށްފަ ނުދާނަން.. " އަރްހާން ބުނެލިއެވެ.
"ހިނގާ ދާން ގެއަށް.. " އަރްހާންގެ އަތުގައި ހިފަމުން ރައިހާނާ ބުންޏެވެ.
"ރައިހާނާ...!! އަރްހާންއަށް އާދެވޭނީ ތަންކޮޅެއް ފަހުން.. ހިނގާ އަހަރުމެން ދަމާ.. އެހެންނޫނަސް ކާރުގައި ހަތަރު މީހުންނަށް ނުވެސް ދެވޭނެ.. " އަސްގަރު ބުނެލިއެވެ. އެހިނދު ލޮލުގެ އިޝާރާތުން އަސްގަރު ބުނެލި ވާހަކަ ރައިހާނާއަށް ނަގައިގަނެވިއްޖެއެވެ. ފާރިހާމެންވެސް ދަނީކަމުގައި ބުނެ އެއްކާރުގައި ހިނގައްޖެއެއެވެ. ނުގޮސް ތިބީ ކައިލްއާއި ޖަނާން އެކަންޏެވެ.
"މިއަންނަނީ ކާރު ހިފައިގެން މިތަނުގައި މަޑުކޮށްލާ... " މިހެން ބުނެ ކައިލް ހިނގައިގަތެވެ.
"މިއަންނަނީ އިނގޭ.. " މިހެން ބުނެ ޖަނާންވެސް ކައިލް ފަހަތުން ދާން ދިމާކޮށްލިއެވެ. އެހިނދު އިޒްވާ ޖަނާންގެ އަތުގައި ހިފައިފިއެވެ.
"މިއަންނަނީއޭ.. ކައިލް ހެލްޕެއް ބޭނުންވެދާނެ.. " މިހެން ބުނެ އިޒްވާގެ އަތް ދުރަށް ލުމަށްފަހު ޖަނާން ހިނގައިގަތެވެ. އިޒްވާ ލޮލުގެ ހިމަކޮޅުން އަރްހާންއަށް ބަލައިލުމަށްފަހު ގޮސް މަގުގެ އަނެއްފަރާތުގައި ހުއްޓުނެވެ. އެތަނުގައި އެމީހުން ތިބޭތާ ފަނަރަވަރަކަށް މިނިޓްވިއިރުވެސް ކައިލްއާ ޖަނާންއެއް ނައެވެ. ޖީބަށް އަތްލައިގެން ހުރި އަރްހާން އިރުއިރުކޮޅުން އިޒްވާއަށް ބަލައިލައެވެ. އޭނާ އެހުންނަނީ އިޒްވާއާ ވާހަކަ ދައްކާނެ ގޮތެއް ނޭނގިފައެވެ. އެހެން ހުއްޓާ އިޒްވާ ދާން ހިނގައިގަނެފިއެވެ. ޖަނާންއާއި ކައިލްގެ ރޭވުން އިޒްވާއަށް ފަހުމްވެއްޖެއެވެ. އެތަނުން ދާން ހިނގައިގަތީ އެހެންވެއެވެ.
"އިޒްވާ މަޑުކޮށްބަލަ.. !! " އިޒްވާ ދާތަން ފެނުމުން އަރްހާން ދުވެލާފައި ގޮސް އިޒްވާގެ އަތުގައި ހިފައިފިއެވެ. ލިބުނު ސިހުމާއެކު އިޒްވާ އަރްހާންގެ އަތް ފޮޅުވައިލިއެވެ. އެއަށްފަހު އަނެއްކާވެސް ދާން ހިނގައިގަތެވެ.
"އިޒްވާ ޕްލީޒް..!! " އިޒްވާގެ ކުރިއަށް އަތް ހުރަސްކޮށްލަމުން އަނެއްކާވެސް އަރްހާން ބުންޏެވެ. އިޒްވާ އަރްހާންއަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ.
"ކީއްކުރަންތަ އަރްހާން..؟ އެދުވަހު އަރްހާން މަޑުކުރިންތަ؟ " ޝަކުވާގެ ރާގެއްގައި އިޒްވާ އެހެންބުނިއިރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.
"އެދުވަހު އިޒްވާ އަހަރެން މަޑުކުރުވަން އުޅުނިންތަ؟ " އަރްހާންވެސް ކޮށްލީ ސުވާލެކެވެ. ހިމޭންކަމުގެ ހިނދުކޮޅެއް ފާއިތުވެގެން ދިޔައީ ދެމީހުން ލޮލުގެ ޒަރީއާއިން އެކަކު އަނެކަކާމެދު ޝަކުވާ ކުރުމުގައެވެ. އެހެން ތިބެފައި ފުރަތަމަ ވާހަކަ ދައްކަން ފެށީ އިޒްވާއެވެ.
"އެދުވަހު އަރްހާން ބުނީ ކީކޭ..؟ އަހަރެންނާ މެދު އަރްހާންގެ ހިތުގައިވާ އިހުސާސްތަކާމެދު ޔަގީންކަން ނެތޭ.. ދެން ކީއްކުރަން އަހަރެން އަރްހާން ހުއްޓުވަންވީ.. " އިޒްވާ ބުނެލިއެވެ.
"އަޅެ އިޒްވާ ބުނެބަލަ..! އިޒްވާ އަހަރެންދެކެ ލޯބިވަނީ އަހަރެންގެ މިމޭގައި ކައިސަންގެ ހިތްވާތީ ނޫންތަ؟ " އަރްހާން އެހިއެވެ. އިޒްވާ އަރްހާންއާ ނަޒަރު ސީދާ ކޮށްލިއެވެ. އެސުވާލަށް ޖަވާބުދޭން އިޒްވާ ތައްޔާރުވެގެން ހުންނަތާ ކިތަންމެ ދުވަހަކެވެ.
"އާނ!! ކައިސަންދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވިން.. އެއީ އަހަރެންގެ އަލަތު ލޯބި.. އަހަރެންގެ އަލަތު ފިރިމީހާ.. އެކަމަކު ފަހަރެއްގައިވެސް އަހަރެންގެ ހިތުގައި އަރްހާންއަށް ޓަކައި އިހުސާސްތަކެއް އުފަންވީ ތިމޭގައި ތިވަނީ ކައިސަންގެ ހިތެއްކަން އެނގިގެންނެއް ނޫން.. އެހެންވީމަ ނުބުނެވޭނެ އަހަރެން އަރްހާން ދެކެ ލޯބިވީ ތިމޭގައި ކައިސަންގެ ހިތް އޮވެގެންނޭ.. " އިޒްވާގެ އަޑު ކުރެހުނެވެ. އަރްހާން އިޒްވާއާ ގާތަށް ޖެހިލިއެވެ. އިޒްވާގެ ދެއަތުގައި ލޯބިން ހިފާލިއެވެ.
"އަހަރެންނަށް މާފުކުރޭ އިޒްވާ..! އެދުވަހު އިޒްވާގެ ދެލޯ ފެނިފައި އަހަރެންނަށް އެނގުނު އިޒްވާގެ ހިތުގައި އަހަރެންނަށްޓަކައިވާ އިހުސާސްތަކުގެ ތެދުކަން.. ހަމައެހިނދު އަހަރެންނަށް އަހަރެންގެ އިހުސާސްތަކާމެދުވެސް ޔަގީންވެއްޖެ.. މިމޭގައި ވަނީ ކައިސަންގެ ހިތެއްވިޔަސް މިހާރު މިހިތަށް ބާރުފޯރުވާ މީހަކީ އަހަރެން.. އެހެންވީމަ އިޒްވާ ދެކެ ލޯބިވުމަކީ ކައިސަންގެ ހިތްވީމަ އެކަމުގެ ސަބަބުން ވީ ކަމެއް ނޫން. މިވީހާ ދުވަހު އަހަރެން ހުރީ އިޒްވާ ކުރިމައްޗަށް އަންނަން ނުކެރިގެން.. އިޒްވާ!! އަހަރެން އިޒްވާދެކެ ވަރަށް ވަރަށް ލޯބިވޭ..! އަހަރެން ބޭނުން އިޒްވާއާ ކައިވެނިކުރަން." އިޒްވާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އަރްހާން ބުންޏެވެ. ގިހެއް ލެވުނު ހިނދު އިޒްވާގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. އަރްހާން ލޯތްބާއެކު އިޒްވާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައި ދިނެވެ.
"އަހަރެން އިޒްވާއަށް ދުވަހަކުވެސް ދެރައެއް ނުދޭނަން.. ކޮންމެ މީހެއްގެ ހިތެއްވިޔަސް ހަޤީޤަތަކީ މިހިތުގެ ލޯތްބަކީ ތީ ކަން.. އެކަން ބަދަލެއް ނުކުރެވޭނެ.. " އިޒްވާ ގެނެސް މޭގައި ޖައްސާލަމުން އަރްހާން ބުންޏެވެ. އިޒްވާ ބޯޖަހައިލީ އެކަމާ އެއްބަސްވަމުންނެވެ. މަގުމަތިކަން އިހުސާސްވި ހިނދު އިޒްވާ ދުރަށް ޖެހިލައިފިއެވެ.
އަރްހާން އިޒްވާއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. " މިއަތުގައި ހިފައިގެން ހަޔާތުގެ އާދަތުރު ފަށަން ތައްޔާރުތަ؟ " އަރްހާން ބުނެލިއެވެ. ހިނިތުންވެ ބޯޖަހައިލަމުން އަރްހާންގެ އަތުތެރެއަށް އިޒްވާގެ އަތް މަހާލައިފިއެވެ.
-ނިމުނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް