ލޯނުތަށް ދަރިވަރުންނަށް ދެއްވުމަށް ނިންމެވިޔަސް ބަޖެޓްގެ ދަތިކަމެއް ނޯންނާނެ: ޑރ އިބްރާހިމް ހަސަން

ސްޓޫޑެންޓް ލޯނުގެ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވަން ނިންމާފައިވަނީ އެކަމަށް ބޭނުންވާ ފައިސާ ބަޖެޓްގެ ތެރެއިން ހަމަޖެއްސޭނެކަމުގެ ޔަޤީންކަން އޮވެގެންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭ...

06 Jun 2023 | 17:05

ސްޓޫޑެންޓް ލޯނުގެ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވަން ނިންމާފައިވަނީ އެކަމަށް ބޭނުންވާ ފައިސާ ބަޖެޓްގެ ތެރެއިން ހަމަޖެއްސޭނެކަމުގެ ޔަޤީންކަން އޮވެގެންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ވަނީ 2023ގެ ސަރުކާރު ފާސްކުރެއްވި ބަޖެޓުގައި ދަރިވަރުން ކިޔަވަން ލޯނު ދެއްވުމަށް 216.1 މިލިޔަން ރުފިޔާ ހިމަނުއްވައިފައި ކަމަށް ވިދާޅުވެފައިވެއެވެ.

މިއަހަރު ސްޓޫޑެންޓް ލޯނަށް ހުޅުއްވާލެއްވީ 720 ދަރިވަރަކަށް ލޯނުދެއްވާ ގޮތަށްކަމަށް މިނިސްޓްރީއިން ބުނެއެވެ. އެގޮތުން އެ ފުރުޞަތުތަކަށް 1500 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށައެޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވުމަށް ނިންމައި، ޝަރުތު ހަމަވާ 1225 ދަރިވަރުންގެ ވަގުތީ ލިސްޓް ޢާއްމުކުރައްވައިފައިވާ ކަމަށް އެޑިޔުކޭޗަން މިނިސްޓްރީއިން ބުނެފައިވެއެވެ.

ތަޢުލީމާއި ތަމްރީނަށް ސަރުކާރުން ސްޓޫޑެންޓް ލޯނު ދޫކުރައްވަނީ ވަކި މުއްދަތެއްގެ ތެރޭގައި ކިޔަވަން ފުރުމަށް ޝަރުތުކުރައްވައިފައިކަމަށް މިނިސްޓަރ އޮފް ހަޔަރަ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ. އަދި ލޯނު ލިބޭތާ 12 މަސްދުވަހުގެ ތެރޭގައި ކިޔަވުން ފަށަންޖެހޭ ގޮތަށް ކުރިން ޝަރުތު ކަނޑައަޅާފައި އޮތްނަމަވެސް މިހާރު އެ މުއްދަތު 18 މަސްދުވަހަށް އިތުރުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިފަހަރު ހުޅުއްވައިލެއްވި ސްޓޫޑެންޓް ލޯނުގެ ފުރުޞަތުގެ ދަށުން އިތުރު ކުދިންނަށް ލޯނު ދެއްވުމަށް ނިންމެވިޔަސް އެކަމުގައި ކުރިމަތިވާނޭ މާލީ ދައްޗެއް ނެތްކަމަށެވެ. އަދި ލޯނު ފައިސާ ނުލިބިގެން އެއްވެސް ކުއްޖަކު ކިޔަވަން ނުގޮސް ހުންނާކަށް ނުޖެހޭނެ ކަމަށާއި، އަދި ފައިސާ ނުލިބިގެން ކިޔެވުން ހުއްޓާލާފައި އެނބުރި ރާއްޖެއަށް އަންނަންޖެހޭ ފަދަ ހާލަތެއްވެސް ކުއްޖަކަށް ދިމާނުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ތަފާސް ހިސާބު ދައްކާގޮތުން ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުންގެ ތެރެއިން ލޯނު ލިބޭ އަހަރު 60 އިންސައްތަ ކުދިން ފުރައިގެންދާކަމަށެވެ. މިފަހަރު އެއްފަހަރާ ގިނަ ކުދިންނަށް ލޯނުގެ ފުރުޞަތު ދެއްވައިފައިވަނީ ކޭޝްފްލޯ މެނޭޖް ކުރެވޭނެކަމުގެ ޔަޤީންކަމާއެކުގައި ކަމަށާއި އެކަން ކަށަވަރުކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާތައްވެސް ކުރިކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެކު މިފަހަރު ޕައިލެޓް ޓްރެއިނިންއަށް ހުޅުވާލެއްވި 60 ފުރުޞަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ 479 ދަރިވަރަކަށް ވަނީ ފުރުޞަތު ލިބި، ރެކޯޑްއެއް ހޯދައިފައިކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ބުނެފައިވެއެވެ.

މިއަހަރު އެމްބީބީއެސް ހެދުމަށް 133 ދަރިވަރުންނަށް އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 51 ދަރިވަރުންނަށް ވަނީ ލޯނު ލިބިފައެވެ. އަދި ޕައިލެޓްކަން ކިޔަވަމުންދިޔަ 24 ދަރިވަރުންނަށް ވަނީ ކުރިން ފުރިހަމަކުރަމުން ދިޔަ ޕްރޮގްރާމް ފުރިހަމަކުރުމަށް ޓޮޕްއަޕް ލޯނު ދެއްވާފައިކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ބުނެއެވެ. މީގެއިތުރުން، ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޑިޕްލޮމާ ފުރިހަމަކުރުމަށް 10 ދަރިވަރުންނަށް، ބެޗްލަރސް ޑިގްރީ ފުރިހަމަކުރުމަށް 5 ދަރުވަރުންނަށް، މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް އެއް ދަރިވަރަކަށް، އަދި ޕީ.އެޗް.ޑީ ފުރިހަމަކުރުމަށް 26 ދަރިވަރުންބނަށް ވަނީ ސްޓޫޑެންޓް ލޯނު ދެއްވުމަށް ނިންމަވައިފައެވެ.

އެގޮތުން ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 11 ވަނަ ދުވަހު 1.00 ޖެހުމާ ހަމައަށް ވަނީ ހުޅުއްވައިލައްވައިފައިކަމަށް ބުނެފައިވެއެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތަކަށްފަހު ދާއިމީ ލިސްޓް މިމަހުގެ 22 ވަނަ ދުވަހު ޢާއްމުކުރައްވާނެކަމަށްވެސް ފާހަގަކުރައްވާފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް