އަބަދުވެސް ބަލި ކުރާނީ ވޯޓުން ކަމަށްބުނެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް (ނިޔާ) ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި މިއަދު ރައީސް ނަޝީދު ނިޔާއާ ދިމާއަށް އިނގިލިދިއްކުރައްވައި އެއްޗެއް ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.
މީހުން ފޮނުވައިގެން ރައީސް ނަޝީދުގެ ގަޔަށް އަރުވަން ނުހެދުމަށް ރައީސް ނަޝީދު ނިޔާއާއި ދިމާއަށް ވިދާޅުވިކަމަށް ވެއެވެ.
ރައީސް ނަޝީދުގެ އެ އަމަލަށް ރައްދުދެއްވަމުން ނިޔާ ވިދާޅުވެފައިވަނީ އޭނާއަކީ ކުޅިވަރު ކުޅުނު މީހެއް ކަމަށާއި ކުޅިވަރުގައި މޮޅުވުމާއި ބަލިވުން އޮންނަކަން ދަސްވެފައިވާކަމަށެވެ.
"ބަލިވާ ފަހަރު ބަލި ގަބޫލުކުރަންވާނެ، އެއީވެސް ރީތި ސިފައެއް! އެއްވެސް މީހަކަށް ހަމަލާ ދޭކަށް ނޫޅެން. ބަލި ކުރާނީ އަބަދުވެސް ވޯޓުން" ނިޔާ ވިދާޅުވެފައިވެއެވެ.
ބަލި ކުރާނީ އަބަދުވެސް ވޯޓުން ކަމުގައި ނިޔާ ވިދާޅުވެފައިވާއިރު އެމްޑީޕީގެ އެތެރޭގެ ކޯޅުން އުފެދުނު ހިސާބުން މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބެއްގައިވެސް ރައީސް ނަޝީދުގެ ފަޅި ވަނީ ބަލިވެފައެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައިވެސް ރައީސް ނަޝީދަށް ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވެއެވެ.
ނިޔާ މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ ރައީސްކަމަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައި ސޮއި ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގައި މިހާތަނަށް 54 މީހެއްގެ ސޮއި ލިބިފައިވާކަމަށް ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް