ނަޝީދު ރިޔާސަތުން ވަކި ކުރަން ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީށްކަމުން ވަކި ކުރަން ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ނިން...

06 Jun 2023 | 07:52

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީށްކަމުން ވަކި ކުރަން ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ނިންމުން ނިންމި އިރު އެމްޑީޕީ ޕީޖީ ގްރޫޕްގެ 40 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އޭގެ ތެރެއިން ތިން މެންބަރަކު އެކަމަށް ތާއީދުކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިކަން ނިންމާފައިވާއިރު އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ އިއްޔެއާއި މިއަދު ރައީސް ނަޝީދު އަމަލުކުރައްވަމުން ގެންދަވާގޮތުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ރައީސް ނަޝީދު އަމަލުކުރައްވަމުން ގެންދަވަނީ ވަރަށް ހުދުމުހުތާރުގޮތެއްގައި ކަމަށްބުނެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދަށް އަމާޒުކޮށް "މުގާބޭ" ގެ ނަމުންވެސް މުހާތަބު ކުރަމުން ގޮސްފައިވެއެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެވެސް ކުރިއަށް ނުގެންދެވި މަޖިލިސް ނިންމާލަން ޖެހުނު އިރު މިއަދުވެސް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް އިމްތިޔާޒާ ގުޅޭ މައްސަލައެއް ހުށަހެޅުމާއެކު ދެން އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށްބުނެ އިތުބާރުގެ މައްސަލަ ވަނީ ޕާކުކޮށްފައެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނައިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް