ހުޅުމާލެ ސާފު ކުރުމުގެ ބޮޑު އިވެންޓެއް އަރބަންކޯއިން ބާއްވަނީ

ދުނިޔޭގެ ތިމާވެށީގެ ދުވާހާއި ގުޅިގެން އަރބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު އިވެންޓެއް ބާއްވަން އަރބަންކޯއިން ނިންމައިފިއެވެ. ދުނިޔޭގެ ތިމާވެށީގެ ...

06 Jun 2023 | 07:11

ދުނިޔޭގެ ތިމާވެށީގެ ދުވާހާއި ގުޅިގެން އަރބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު އިވެންޓެއް ބާއްވަން އަރބަންކޯއިން ނިންމައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އިއްޔެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަމާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ.

އާބަންކޯއިން ބުނެފައިވާގޮތުގައި މި ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ ސާފުކުރުމުގެ އިވެންޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވާ ހޮނިހިރު ދުވަހުއެވެ.

މި އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ޖުމްލަ 7 ސަރަހައްދެއް ސާފުކުރާގޮތަށް ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ. އެއީ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ. އަދި މި ސަރަހައްދުތައް ސާފުކުރާނީ ވަކި ވަކި ޓީމުތަކަށް ބަހާލައިގެން ކަމަށް އަރބަންކޯއިން ބުނެއެވެ. މީގެ އިރުތަށް، 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައިކަން އަރބަންކޯއިން ހާމަކޮއްފައިވެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަރަކާތަކީ ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާނެ ހަރަކާތެއްކަމަށް އަރބަންކޯއިން ބުނެފައިވެއެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަން އަރބަންކޯއިން ބުނެއެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އަރބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފްކޮށްފައިވާ ކެމްޕޭނެކަމަށް އަރބަންކޯއިން ބުނެފައިވެއެވެ. އަދި މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރޭވިފައިވާކަންވެސް ފާހަގަކުރައެވެ.

ހުޅުމާލެ އަކީ ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް މި ކެމްޕޭންގެ ދަށުން ލިބިގެންދާނެކަމަށް އަރބަނކޯއިން ބުނެފައިވެއެވެ. އެގޮތުން މި ކެމްޕޭންގެ ދަށުން ހުޅުމާލެ އާއި މި ކޯޕަރޭޝަންގެ ބިޔޯންޑް ހުޅުމާލޭގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އަރބަންކޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް