މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކަމަށެވެ.
އަދި މި ޖަލްސާގައި ބައިވެރިވެވޭނީ މިއަހަރުގެ އޭޕްރީލް 12 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ކުނފުނިން ހާމަކުރެއެވެ.
މިގޮތުން ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މިމަހުގެ 13 ވަނަ ދުވަހުގެ 20:30 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާގައި 2022 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓުމެންޓުތައް ފާސްކުރުން ހިމެނޭ ކަމަށެވެ.
ހަމައެހެންމެ ކުރިއަށް އޮތް އަހަރަށް ކުންފުންޏަށް އޮޑިޓަރުން އައްޔަނު ކުރާނެ ކަމަށާއި ކުރިއަށް އޮތް ދައުރަށް އެ ކުންފުނީގެ ބޯޑަށް އައްޔަނު ކޮށްފައިވާ އަދި އިންތިހާބުވެފައިވާ ފަރާތްތައް އިއުލާނު ކުރުން ވެސް އޮންނާނެ ކަމަށެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަށް ހަތަރު ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް