އިތުބާރު ނެތް މައްސަލައިގެ މައްޗަށް އިމްތިޔާޒްގެ މައްސަލައެއް ނަގައި މަޖިލިސް މިއަދުވެސް މެދުކެނޑުމަކަށް!

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިިގެ މައްޗަށް އިމްތިޔާޒުގެ މައްސަލައެއް ނަގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް މެދުކަނޑާލަން ޖެހިއްޖެ އެވެ. މިއަދުގެ ޖަލް...

06 Jun 2023 | 05:14

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިިގެ މައްޗަށް އިމްތިޔާޒުގެ މައްސަލައެއް ނަގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް މެދުކަނޑާލަން ޖެހިއްޖެ އެވެ.

މިއަދުގެ ޖަލްސާއަށްވެސް ތާވަލުކޮށްފައި އޮތީ އިއްޔެއެކޭ އެއްގޮތަށް ރިފްއަތުގެ އިތުބާރުނެތް މައްސަލަ އެވެ. މި މައްސަލައިގަ ޖަވާބުދާރީވުމަށް ރިފްއަތު ޖަލްސާއަށް ހާޒިރުވެވަޑައިގެންފައިވެ އެވެ.

އެކަމަކު ޖަލްސާ ފެށުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައްސަލަ ފެށުމަށް ފަހު އިމްތިޔާޒުގެ މައްސަލައެއް އޮތް ކަމަށް ވިދާޅުވެފައި އެވެ. އެ މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

ހުސެއިން މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ބަންޑާރަ ނައިބަކީ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ބޭފުޅެއް ކަން ގާނޫނުއަސާސީގައި ވަރަށް ސަރީހަކޮށް ބުނެފައި އޮންނަ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުން ކުރާ ސުވާލުތަކަށް ޖަދަލުނުކޮށް ތެދު ބަހުން ޖަވާބުު ދެއްވަން ޖެހޭނެ ކަމަށެވެ.

އެހެން ކަމުން ބަންޑާރަ ނައިބާއި ވަޒީރުން އިހްތިސާސްގެ ތެރެއިން ކުރާ ކޮންމެ ކަމެއްގައި އެ ފަރާތްތަކާ ސުވާލުކޮށް ޖަވާބު ހޯދުމަކީ މަޖިލީހުގެ ގާނޫނަށް ލާޒިމްކޮށް ކަށަވަރު ކޮށްދީފައިވާ ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ އެ ފަރާތްތައް ޒިންމާދާރު ކުރުމަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެނގެން ސާފުކޮށް އޮތް އިރު އެކަމުގައި މަޖިލީހުން ފާސްކުރަން ޖެހޭ ކަމެއް ނެތް ކަމަށް ބަންޑާރަ ނައިބު ދެކެވަޑައިގަތުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާ ބާރުތަކަށް އަރައިގަތުން ކަމަށެވެ. އެހެންކަމުން އެކަން އޭނާ ކުށްވެރި ކުރެއްވިއެވެ.

ހުސައިންގެ މި މައްސަލަ ކުރިޔަށް ނުގެންދަން ނިންމީ 48 މެމްބަރުންގެ ވޯޓުންނެވެ. ބަލައިގަންނަން ވޯޓު ދެއްވީ 20 މެމްބަރުންނެވެ.

އެ މައްސަލަ ފާސްނުވި ނަމަވެސް ނަޝީދު ނިންމެވީ އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުމުގެ ފުރުސަތު މެންބަރަށް ލިބިގެންވާތީ ކޮމިޓީ އަށް ވެސް ފޮނުވުމަށެވެ. އޭޖީ ރިފްއަތު މަޖިލިހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ބުނާ ވަކި މައްސަލައެއް ކޮމިޓީ އަށް ފޮނުވަން ރިޔާސަތުން ނިންމެވީ އެކަމަށް އެދިވަޑައިގެން ވަކި ސިޓީއެއް ހުސައިން މުހައްމަދު ލަތީފް ފޮނުއްވާފައިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ދިޔައީ ކަންބޮޑުވުން ފާޅު ކުރައްވައި ނިޒާމީ މައްސަލަތައް ނަގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް