ޑިމޮކްރޭޓްސްގެ މެމްބަރުންނަށް ބިރު ދައްކާ މައްސަލަ އެންމެ ފަހުން މަޖިލީހަށް!

ދަ ޑިމޮކްރެޓިކްސްއަށް ވަންނަ މެމްބަރުންނަށް ސަރުކާރުން ބިރު ދައްކާކަމަށް ބުނާ މައްސަލަ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ޑިމޮކްރޭޓްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަ...

06 Jun 2023 | 05:04

ދަ ޑިމޮކްރެޓިކްސްއަށް ވަންނަ މެމްބަރުންނަށް ސަރުކާރުން ބިރު ދައްކާކަމަށް ބުނާ މައްސަލަ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޑިމޮކްރޭޓްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ އެކެވެ. ޕާޓީ އުފައްދަން ބޭނުންވާ3،000 މެމްބަރުންގެ ސޮއި ހަމަކޮށް މިދިޔަ ހަފްތާގައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި އެވެ.

އޭގެ ފަހުން އެ ޕާޓީން ވަނީ ސޮއި ކުރި މީހުންގެ ލިސްޓު އީސީގެ ވެބްސައިޓުގައި އާންމު ނުކުރަނީސް ލީކުވި މައްސަލައެއް ފެންމަތިކޮށްފައި އެވެ. އަދި އެ މައްސަލަ އެ ކޮމިޝަނަށާއި ފުލުހުންނަށް ތަހުގީގު ކުރުމަށް ހުށަހަޅާފައިވެ އެވެ.

އެންމެ ފަހުން މިއަދު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ޑިމޮކްރޭޓްސްގެ މުއައްސިސް ހަސަލް ލަތީފު ވަނީ މަޖިލީހަށް މި މައްސަލަ ހުށަހަޅާފައި އެވެ. ހަސަންގެ މައްސަލައިގަ ވިދާޅުވީ އީސީއަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން "ވަގަށް ހޯދައި" އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ.

އެގޮތުން ސްޓޫޑެންޓް ލޯނާއި ގޯތި ނުވަތަ ފްލެޓަށް އެދިފައިވޭތޯ ބެލުމަށް ފަހު، އެކަން ބޭނުންވާ ނަމަ، ޑިމޮކްރެޓްސް އަށް ކުރި ސޮއި އަނބުރާ ގެންދިއުމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ. އެ އަމަލު ހިންގުމުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ ވެރިން ކަމަށެވެ.

ހަސަން ވިދާޅުވީ، އެއީ އެންމެ ފުރަތަމަ އެމްޑީޕީ އުފެދުނު ނުދިނުމަށް އޭރު އޮތް ސަރުކާރުން އެ ޕާޓީ އަށް ސޮއި ކުރި މީހުންނަށް ކުރިމަތިކުރުވި ފަދަ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. ސަރުކާރުގެ ބިރުދެއްކުމުގެ އަމަލުތަކާ އެކު ވެސް، ޑިމޮކްރެޓްސް އަށް ސޮއިކުރި މެމްބަރުން ސާބިތުކަމާ އެކު ތިބުމަށް ހަސަން އެދިވަޑައިގަތެވެ.

ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް