ހައްޖު 1444: ގިނަ އަދަދެއްގެ ހައްޖާޖީން އަންނަނީ މަދީނާއަށް ދަތުރު ކުރަމުން

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިހާރުއްސުރެން ފެށިގެން އެކި ގައުމުތަކުން ގިނަ އަދަދެއްގެ ބަޔަކު މަދީނާއަށް ދަތުރުކުރަމުން އަންނަ ކަމުގައި ސައޫދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ. އެގ...

06 Jun 2023 | 00:14

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިހާރުއްސުރެން ފެށިގެން އެކި ގައުމުތަކުން ގިނަ އަދަދެއްގެ ބަޔަކު މަދީނާއަށް ދަތުރުކުރަމުން އަންނަ ކަމުގައި ސައޫދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

އެގޮތުން ސައޫދީ އަރަބިއްޔާގެ ސައޫދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެކި ގައުމުތަކުން މީހުން މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުން އަންނައިރު ކަމާބެހޭ ފަރާތްތަކުން އަންނަނީ ކަދުރާއި ފިނިފެންމަލުން އެ ފަރާތްތަކަށް މަރުހަބާ ކިޔަމުންނެވެ.

"ގިނަ ހައްޖުވެރިން ދުރާލާ މަސްޖިދު-އަލް-ނަބަވީއަށާއި އެހެނިހެން މިސްކިތްތަކަށް ޒިޔާރަތްކޮށް އިޚްތިރާމް އަދާކުރަން ބޭނުންވޭ" ސައޫދީ ގެޒެޓްގައި ރިޕޯޓްކޮށްފައިވެއެވެ.

ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން މަދީނާއަށް ދަތުރުކުރަމުން އަންނައިރު ސައޫދީ ރެޑްކްރެސެންޓް އޮތޯރިޓީ (އެސްއާރްސީއޭ) އިން އަންނަނީ މަދީނާގެ މައި މަގުތަކާއި މަސްޖިދު-އަލް-ނަބަވީ ހިމެނޭ ސަރަހައްދުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންނެވެ.

އެގޮތުން އެސްއާރްސީއޭގެ 1410 އޮފިޝަލަކު ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާނެކަމުގައި އެ އޮތޯރިޓީން ބުނެފައިވެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހި ހައްޖުވެރިން ފުރަން ފަށާނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. ހައްޖު ދުވަހަކީ މި މަހުގެ 27 ވާ އަންގާރަ ދުވަހެވެ. ރާއްޖެއަށް މި އަހަރު 1000 ހައްޖު ކޯޓާ ލިބިފައިވާއިރު އޭގެ ތެރެއިން 296 ހައްޖުވެރިން ދަތުރުކުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އަދި ސިސިލްފަރު ގްރޫޕްގެ ހަވާލުގައި 87 ހަރަމައިން ގްރޫޕްގެ ހަވާލުގައި 87 އަދި މަނާސިކް ގްރޫޕްގެ ހަވާލުގައި 85 މީހަކު ހައްޖަށް ގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް