އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ޒުވާނާގެ މަރުގެ މައްސަލައިގަ އިތުރު ކުޑަކުއްޖަކު ހައްޔަރު ކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭގެ މެންދަމު ފޭދޫގައި ހިންގި މާރާމާރީގައި ޒަހަމްވެ، ފަރުވާދެމުން ދަނިކޮށް މަރުވީ އައްޑޫ ސީޓީ ފޭދޫ އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާ އެވެ. އޭނާ މަރުވީ ލިބުނު ޒަހަމް ތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިިގަ މިރޭ ހައްޔަރު ކުރީ15 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. އެ ކުއްޖާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް މައުލޫމާތުދެ އެވެ.
މިއީ މި މައްސަލައިގަ ހައްޔަރު ކުރި ދެ ވަނަ ކުއްޖާ އެވެ. ޒަޔާންގެ މަރުގެ މައްސަލައިގަ ރޭ ފުލުހުން ހައްޔަރު ކުރީ16 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.
މީގެ އިތުރުން ފުލުހުން ވަނީ ފޭދޫގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ރޭ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް