މިނިސްޓަރުގެ ދުވަްސވަރު ސުޕްރީމް ކޯޓުން މީހަކަށް މަރުގެ ހުކުމް އިއްވި ނަމަ ހުކުމް ތަންފީޒު ކުރެއްވީސް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ މި ސަރުކާރުން މަރުހެ ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރަނީ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތަށް ކަމަށް ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މަޖިލީހުގައި ވިދާޅުވުމުންނެވެ. އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އެކި ފަހަރު ސަރުކާރުތަކުން ދެއްކީ ސިޔޔާސީ ވާހަކަތެއް ކަމަށެވެ.
އުމަރު މި ވާހަކަތަކަށް ރައްދު ދެއްވައި ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ވިސްނުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅުނު ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށް، ޤަވާއިދު އެކުލަވާލާ ގެޒެޓް ކުރެވުނު ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާގެ މިނިސްޓަރު ކަމުގައި ސުޕްރީމް ކޯޓުގެ މަރުޙަލާ ނިމިފައި ހުރި އެއްވެސް ޤައިދީ އަކު ނެތް ކަމަށެވެ. އެ މަރުހަލާ ނިމިގެން އޭނާއާއި ހަމައަށް ދިޔަ ނަމަ، އަދި ވާރިސުން އެދޭނަމަ، މަރުގެ އަދަބު ތަންފީޒް ކުރެވުނީސް ކަމަށެވެ.
ޤިސާސް ހިފަންވީތޯ ނުވަތަ މައާފް ކުރަންވީތޯ އެއީ ދައުލަތަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި އެއީ މަރުވި މީހާގެ ވާރިސުންގެ ހައްޤެއްކަން ފާހަގަ ކުރެއްވި އެވެ. އިތުރަށް ވިދާޅުވީ އެމީހުން އެދޭނަމަ ޤިސާސް ހިފަން ޖެހޭ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގިސާސް ހިފާނެ ކަމަށެވެ. ކުށްވެރިންނަށް ހައްގު އަދަބު ލިބޭނެ ކަމަށާއި އާއިލާތަކަށް އިންސާފު ލިބިދެވޭނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އަމާން ޤައުމަކަށް ރާއްޖެ ބަދަލުވާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް