އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް އޮފިޝަލުންތަކެއް އިސްލާމް ދީނާނައި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރި މައްސަލައިގަ އެ ގައުމުން މުސްލިމުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްްއެމްޕީ) އިން ބުނެފި އެވެ.
އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ އެމީހުންގެ ވާހަކަތަކަކީ މި އުއްމަތުގެ މާތް ނަބިއްޔާގެ އިތުރުން މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއްކަމަށްވީާތީ، މިކަން އެމްއެންޕީގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެމްއެންޕީން ބުނީ މާތް ނަބިއްޔާއަކީ މުސްލިމުންގެ ހިތްތަކުގައި މާތްކަމާއި ލޯބި ލިބިގެންވާ ބޭފުޅަކަށް ވާތީ، މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް، ސާބިތު ނުހިފޭ ވާހަކަތައް ކުރިމަގުގައި ނުފެތުރުމަށް ގޮވާލާ ކަމަށެވެ. ދީނީ ތަފާތުކުރުންތަކުން އެއްކިބާވެ ޒިންމާދާރުކަމާއި އޯގާތެރިކަމާއެކު ރައްޔިތުންނާ މުހާތަބުކޮށް، އަމަލުކުރުމަށް ވެސް ބީޖޭޕީ އަށް އެމްއެންޕީން ގޮވައިލި އެވެ.
މި މައްސަލައިގަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ އިންޑިއާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އދ. އަށް ގޮވާލާފަ އެވެ. އަދި އިސްލާމީ ބޮޑެތި ގައުމުތަކުން ދަނީ އިންޑިއާގެ މި އަމަލު ކުށްވެރި ކުރަމުންނެވެ.
މި މައްސަލައިގަ އިންޑިއާގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައި އެވެ. އެގޮތުން އެކި ސްޓޭޓްތަކުގައި މުސްލިމުން މުޒާހަރާކޮށް އަޑު އުފުލަމުންދާއިރު ހިންދޫނާއި ދެމެދު ދަނީ ކުރިމަތިލުންތައްވެސް ހިނގަމުންނެވެ.
މުސްލިމުން ޑިމާންޑު ކުރަމުން ދަނީ ނޫޕޫރާއި ނަވީނާއި ދެކޮޅަށް ސަރުކާރުން ފިޔަވަޅު އެޅުމަށެވެ. އިންޑިއާ ސަރުކާރުން ބުނީ އެމީހުންނަކީ ސަރުކާރަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި އިންޑިއާ ސަރުކާރަކީ ހުރިހާ ދީންތަކަށް އިހުތިރާމް ކުރާ ސަރުކާރެއް ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް