ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސަރެވެ.
ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފެސިލިޓީއެކެވެ.
އެގޮތުން ކޮންމެ ރަށެއްގައިވެސް ފުރަތަމަ މަރުހަލާގައި އުފެދޭ ކުނި ޖަމާކުރެވޭ ފެސިލިޓީއަކީ މި ސްޓޭޝަންތަކެވެ. އަދި މި ސްޓޭޝަންތަކަށް އެކަށީގެންވާ ވަރަށް ކުނިޖާމާކުރެވުމުން މި ކުނި ވަކިކޮށް ރީސައިކަލްކުރުމަށް ނުވަތަ ނައްތާލުމަށް ހާއްޞަކުރެވިފައިވާ ފެސިލިޓީއަކަށް ބަދަލުކުރެވޭނެއެވެ.
މިފަދަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއެއްގެ ސަބަބުން ހދ. ކުނބުރުދޫ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހެދުމުގެ މަސައްކަތް ތަކުގެ ތެރޭގައި، ސައިޓް ކްލިއަރ ކުރުމާއި، ކޮންކްރީޓް
މަސައްކަތްތަކާއި، ފުރާޅެއް ހެދުމާއި، ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި، ޕެރިމީޓަރ ޑްރެއިން ކުރުމާއި، އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
އަދި މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް