ބީޖޭޕީގެ ލީޑަރުން ރަސޫލާއަށް ފުރައްސާރަ ކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީގެ ލީޑަރުންތަކެއް ދެއްކި ވާހަކ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ. ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކީ ބީޖޭޕީގެ ގައުމީ ...

06 Jun 2022 | 11:42

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީގެ ލީޑަރުންތަކެއް ދެއްކި ވާހަކ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކީ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނޫޕޫރު ޝަރްމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ. މި މައްސަލައިގަ ނޫޕޫރު ޕާޓީން ސަސްޕެންޑު ކޮށްފައިވާއިރު ނަވީން ވަނީ ބީޖޭޕީން ވަކިކޮށްފަ އެވެ.

މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރެފައިވަނީ އިނގިރޭސި ބަހުން ކުރު ބަޔާނެކެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނުުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހާ ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ ކަމަށެވެ. އެގޮތުން އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން، އިސްލާމް ދީނާއި މާތް ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ބީޖޭޕީގެ ބައެއް އޮފިޝަލުންގެ މި އަމަލުތައް އިންޑިއާ ސަރުކާރުން ކުށްވެރިކޮށް އަދި މިކަމުގައި ހިމެނޭ އޮފިޝަލުންނާ މެދު ބީޖޭޕީން އަވަހަށް ފިޔަވަޅު އަޅާފައި ވާތީ އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

މި މައްސަލައިގަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ އިންޑިއާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އދ. އަށް ގޮވާލާފަ އެވެ. އަދި އިސްލާމީ ބޮޑެތި ގައުމުތަކުން ދަނީ އިންޑިއާގެ މި އަމަލު ކުށްވެރި ކުރަމުންނެވެ.

މި މައްސަލައިގަ އިންޑިއާގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައި އެވެ. އެގޮތުން އެކި ސްޓޭޓްތަކުގައި މުސްލިމުން މުޒާހަރާކޮށް އަޑު އުފުލަމުންދާއިރު ހިންދޫނާއި ދެމެދު ދަނީ ކުރިމަތިލުންތައްވެސް ހިނގަމުންނެވެ.

މުސްލިމުން ޑިމާންޑު ކުރަމުން ދަނީ ނޫޕޫރާއި ނަވީނާއި ދެކޮޅަށް ސަރުކާރުން ފިޔަވަޅު އެޅުމަށެވެ. އިންޑިއާ ސަރުކާރުން ބުނީ އެމީހުންނަކީ ސަރުކާރަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި އިންޑިއާ ސަރުކާރަކީ ހުރިހާ ދީންތަކަށް އިހުތިރާމް ކުރާ ސަރުކާރެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް