އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރުންތަކެއް ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގަ އެ ގައުމަށް ފިޔަވަޅު އެޅުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ގޮވާލި މައްސަލައިގަ އިންޑިއާ ރުޅިއަތުވެއްޖެ އެވެ.
ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކީ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނޫޕޫރު ޝަރްމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ.
އޯއައިސީން ނެރުނު ބަޔާނެއްގައި ވަނީ ބީޖޭޕީގެ ވެރިންގެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ. އަދި ގައުމެއް ހިންގަން ތިބި ބައެއްގެ މި އަމަލާއި ގުޅިގެން އިންޑިއާ އާއި ދެކޮޅަށް ފިޔަވަޅު އަޅަން އދ. އަށް ގޮވާލާފައިވެ އެވެ.
އޯއައިސީގެ ބަޔާނާއި ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ އޯއައިސީގެ ބަޔާން އެ ގައުމަށް ލިބިފައިވާ ކަމަށެވެ. އެކަމަކު އެ ފަދަ ވިސްނުން ކޮށި، ހަނި ދާއިރާއަކުން ވިސްނައިގެން ނެރެފައިވާ ބަޔާން ބަލައި ނުގަންނަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ބަގްޗީ ވިދާޅުވީ ރަސޫލާއަށް ފުރައްސާރަ ކުރީ އިންޑިއާ ސަރުކާރުގެ މަގާމުތަކުގައި ތިބި ބަޔަކު ނޫން ކަމަށެވެ. އިންޑިއާ ސަރުކާރަކީ ހުރިހާ ދީންތަކަށް ވަރަށް މަތީ ދަރަޖަކަށް އިހުތިރާމް ކުރާ ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާމް ދީނާއި ގުޅޭގޮތުން ވާހަކަ ދެއްކީ އަމިއްލަ މީހެއް ކަމަށާއި އެމީހާ ނިސްބަތްވާ ޕާޓީ ނުވަތަ ބަޔަކު އެ ބަޔަކާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެ މީހުންނަކީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މީހަކަށް ވިޔަސް އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަށް ވިދާޅުވި އެވެ.
އިންޑިއާއިން ބުނީ އޯއައިސީގެ ބަޔާނަކީ ވަކި މަގުސަދެއްގައި ނެރެފަ އޮތް ބަޔާނެއް ކަމަށެވެ.
ބީޖޭޕީން ވަނީ ނޫޕޫރު ސަސްޕެންޑުކޮށް ނަވީން އެ ޕާޓީން ވަކިކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް