މަރުގެ ހުކުމް ތަންފީޒްކުރުމުގައި އަމަލު ކުރާނީ ކުރީ ސަރުކާރުތަކުގެ ސިޔާސަތަށް: އިމްރާން

ނިމިގެން ދިޔަ ސަރުކާރުގައި މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭ ގޮތުން ގޮތް ގޮތަށް ވާހަކަ ދެއްކީ ސިޔާސީ ބޭނުމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ ރައްޔ...

06 Jun 2022 | 06:33

ނިމިގެން ދިޔަ ސަރުކާރުގައި މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭ ގޮތުން ގޮތް ގޮތަށް ވާހަކަ ދެއްކީ ސިޔާސީ ބޭނުމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރުގެ މައްސަލަތަކުގައި ސުޕްރީމްކޯޓުން އިއްވަފައިވާ މަރުގެ ހުކުމްތައް މި ސަރުކާރުން ތަންފީޒުކުރާނަންތޯ، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އިމްރާން ވިދާޅުވީ މަރުގެ ހުކުމްގެ މައްސަލަތަކުގައި ބައި ގަރުނުވަންދެން ރައްޖޭގައި އަމަލުކުރަމުން ގޮސްފައި ވަނީ މިހާރު ވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމްގެ އުސޫލު ކަމަށެވެ.

އަދި އިމްރާން ވިދާޅުވީ އެ އުސޫލަކީ މި ސަރުކާރުން ވުޖޫދަށް ގެނެސްގެން އުޅޭ އުސޫލެއް ނޫން ކަަމަށާއި އަދި މިއީ ޒަމާނުއްސުރެ އަމަލުކުރަމުން ދިޔަ އުސޫލުވެސް ކަމަށެވެ.

މީގެ އިތުރުން ނިމިގެން ދިޔަ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒްކުރުމާއި ގުޅޭ ގޮތުން އެކި ގޮތް ގޮތަށް ވާހަކަ ދައްކާފައި ވަނީ ސިޔާސީ ބޭނުމަށް ކަމަށާއި، މި މައްސަލައިގައި އަމަލުކުރާ ސިޔާސަތަށް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައި އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ބަޔަކު ކިތަންމެ ނުރުހުނަސް މަރުގެ ހުކުމް ތަންފީޒްކުރާނެ ކަމަށް ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ވެސް މަރުގެ ހުކުމް ތަންފީޒްކޮށްފަ އެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް