ލަކްޝަދީބު ރަށެއްގައި މޫދަށް ގެނބެމުންދިޔަ އާއިލާއެއް ސަލާމަތް ކުރުމުގައި ދިވެހި ދެ ފުލުހުން

އިންޑިއާގެ ޔޫނިއަން ޓެރަޓަރީ، ލަކްޝަދީބުގެ ރަށެއްގެ މޫދަށް ގެނބެމުންދިޔަ އާއިލާއެއް ސަލާމަތް ކުރުމުގައި ދިވެހި ދެ ފުލުހުން ބައިވެރިވެއްޖެ އެވެ. އެ ދެ ފުލުހުންނަނީ ސީއައިޕީ އަހުމަދު އަބްދުލް އަޒީޒާއި ސ...

06 Jun 2021 | 18:14

އިންޑިއާގެ ޔޫނިއަން ޓެރަޓަރީ، ލަކްޝަދީބުގެ ރަށެއްގެ މޫދަށް ގެނބެމުންދިޔަ އާއިލާއެއް ސަލާމަތް ކުރުމުގައި ދިވެހި ދެ ފުލުހުން ބައިވެރިވެއްޖެ އެވެ.

އެ ދެ ފުލުހުންނަނީ ސީއައިޕީ އަހުމަދު އަބްދުލް އަޒީޒާއި ސީއައިޕީ މުހައްމަދު ނާޒިމެވެ. މި ދެ ފުލުހުން މިވަގުތު ތިބީ ދަ ސަރްދާރް ވައްލާބާއީ ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގައި ޓްރެއިނިން ފުރިހަމަ ކުރަން އިންޑިއާގެ ހައިދަރްއާބާދުގައި އެވެ.

އެތަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޓްރެއިނިންގެ ތެރެއިން އިއްޔެ ލަކްޝަދީބަށް ކުރި ޒިޔާރަތެއްގައި ގެނބެމުންދިޔަ އާއިލާއެއް ސަލާމަތް ކުރުމުގައި ޓްރެއިނިން ހަދަމުންދާ އަށް ފުލުހަކު ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފުލުހުންގެ އިތުރުން އިންޑިއާގެ ފަސް ފުލުހުންނާއި ބޫޓާން ފުލުހެކެވެ.

އެ އެކަޑަމީން ވަނީ އެ އާއިލާ ސަލާމަތް ކުރުމުގައި ހިތްވަރު ދެއްކި އަށް ފުލުހުންގެ ހިތްވަރަށް ސާބަސްދީ ޝުކުރު އަދާ ކޮށްފައި އެވެ.

https://twitter.com/ShimranAb/status/1401522128105713670

ދިވެހި ފުލުހުން ދެއްކި ހިތްވަރަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަނީ މަރުހަބާ ވިދާޅުވެ ޝުކުރު އަދާ ކުރައްވާފައި އެވެ. މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަހުމަދު އަބްދުލް އަޒީޒާއި މުހައްމަދު ނާޒިމްގެ މަސައްކަތުން މުޅި ރާއްޖެއަށް ލިބުނީ ޝަރަފާއި ފަހުރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް