ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލްއަށް އަންހެން ދަރިކަނބަލަކު ލިބިވަޑައިގެންފިކަން ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.
ހުކުރު ދުވަހު މި ދަރިކަނބަލުން ލިބިވަޑައިގެންފައި ވާއިރު، ދަރިކަނބަލުންގެ ނަންފުޅު ވަނީ، އަވަހާރަ ވެފައިވާ މަންމާފުޅުގެ ނަމާއި ގުޅުވާލާފައެވެ.އެގޮތުން، ދަރިކަނބަލުންގެ ނަންފުޅަކީ ލިލިބެޓް ލިލީ ޑަޔާނާ މައުންޓްބެޓަން ވިންޑސަރ ކަމުގައި މި ދެމަފިރިކަނބަލުން ވަނީ އިއުލާން ކުރައްވާފައެވެ. ހެރީގެ މަންމާފުޅު، ޕްރިންސެސް ޑަޔާނާގެ ނަމުން މި ދަރިކަނބަލުންގެ މިޑިލް ނޭމް ނުވަތަ މެދު ނަން ދެއްވާފައި ވާއިރު، ފުރަތަމަ ނަންފުޅު ކަމަށްވާ ލިލިބެޓްއަކީ އިނގިރޭސިވިލާތުގެ ރާނީ އަދި ދަރިކަނބަލުންގެ މުނިމާމާފުޅު ކަމުގައިވާ، އެލިޒެބެތަށް ބޭނުން ކުރަމުން އަންނަ އާއިލާ ވަނަމެވެ.
ދަރިކަނބަލުން ލިބިވަޑައިގަތީ އެމެރިކާގެ ކެލެފޯނިއާގައި ހުންނަ ސެންޓާ ބާބަރާ ހަސްފަތާލުގައެވެ.އަދި ދަރިކަނބަލުންނާއި، މޭގެން މާކަލްގެ ހާލުވެސް ރަނގަޅު ކަމަށް މި ދެމަފިރި ކަނބަލުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ހެރީ އާއި މޭގެން ވިދާޅުވެފައި ވަނީ، މި ދަރިކަނބަލުންނަކީ އުންމީދު ކުރެއްވި ވަރަށް ވުރެ މާ ޚާއްސަ ދަރިކަނބަލެއް ކަމަށާއި، މި އުފާވެރި މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބެމުންދާ ލޯތްބާއި ދުއާ ތަކަށް ޝުކުރު ވިދާޅުވާ ކަމުގައެވެ.
ޕްރިންސް ހެރީއާއި ކުރީގެ މަޝްހޫރު ހޮލީވުޑުގެ ތަރި މޭގަން މާކަލް ކައިވެނި ބައްލަވައިގެންފައި ވަނީ 2018 ވަނަ އަހަރު ވިންޑްސަރ ގަނޑުވަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.އަދި ކައިވެނި ބައްލަވައިގެންތާ އެއް އަހަރު ފަހުން މި ދެމަފިރިކަނބަލުންނަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ ފިރިހެން ބޭފުޅެކެވެ. ނަމަކަށް އިޚްތިޔާރު ކުރައްވާފައި ވަނީ އާޗީ ހެރިސަން މައުންޓް ބެޓަން ވިންޑްސަރއެވެ.
މިދިޔަ އަހަރުގެ މާރިޗު މަހު މި ދެމަފިރި ކަނބަލުން ވަނީ ޝާހީ އާއިލާގެ މަސައްކަތްޕުޅުތަކުން ވަވިވެ ވަޑައިގެން، އެމެރިކާއަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް