ޝެއިޚު ޖައްރާޙު ސަރަޙައްދުގައި، ފަލަސްޠީނު މީހުންގެ އަތުން އިސްރާއީލުން ގަދަ ކަމުން ބިންތައް ފޭރިގަތުމާއި ދެކޮޅަށް މީސްމީޑިއާގައި ކެމްޕޭނު ކުރަމުން އަންނަ 2 އެކްޓިވިސްޓުން އިސްރާއީލުގެ ސިފައިން ހައްޔަރު ކޮށްފިއެވެ.
އިސްރާއީލުން ހައްޔަރު ކޮށްފައި ވަނީ އެއްމާބަޑު ދެބެއިން ކަމުގައިވާ މުނާ އަލް ކުރްދު އާއި މުޙައްމަދު އަލް ކުރްދެވެ.
މި ދެ އެކްޓިވިސްޓުންވެސް ހައްޔަރު ކޮށްފައި ވަނީ އެމީހުންގެ ގޭގައި ތިއްބައެެވެ. މި ދެ ޒުވާނުންނަކީވެސް، އިސްރާއީލުގެ ސިޙްޔޫނީ ސިފައިން ފަލަސްޠީނުގެ ޝެއިޚް ޖައްރާޙް ހިންގަމުން ދިޔަ ހަަމަ ނުޖެހުންތައް ހުއްޓުވުމަށްޓަކައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުން އައި 2 އެކްޓިވިސްޓުންނެވެ. އެގޮތުން، މުނާއާއި މުޙައްމަދަކީ، ހޭޝްޓެގުގައި ޝެއިޚް ޖައްރާޙު ސަލާމަތްކުރޭ، މި ނަމުގައި 3 މަސްވެފައިވާ ކެމްޕޭނެއް އިންތިޒާމު ކުރި ފަރާތްތަކެކެވެ.
މި ކެމްޕޭނުވަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި ވައިގައި ހިފާފައެވެ. އަދި މި ކެމްޕޭނުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންގެ ޙާލަތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ވަނީ އެނގިގެން ގޮސްފައެވެ.
މި ދެ އެކްޓިވިސްޓުން ހައްޔަރު ކުރުމުގެ ކުރިން، އިސްރާއީލުން ވަނީ އަލް ޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ގިވާރާ ބުދެއިރީވެސް ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ، ޝެއިޙް ޖައްރާޙުގައި ކުރިއަށް ދިޔަ އިޖްތިހާދެއް ކަވަރު ކުރުމުގެ މަސައްކަތުގައި އެޅެނި ކޮށްކަން ފާހަގަ ކޮށްލެވެއެވެ. ބުދެއިރީ ހައްޔަރު ކުރުމާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަން ކުށްވެރި ކުރަމުން ގެންދިއުމުގެ ސަބަބުން، އިސްރާއީލުން ވަނީ އޭނާ ހައްޔަރު ކުރިތާ 4 ގަޑިއިރު ފަހުން އޭނާ ދޫކޮށްލާފައެވެ.
މިހާރު އިސްރާއީލުން ހައްޔަރު ކޮށްފައިވާ އެއްމާބަނޑު ދެބެންގެ ބައްޕަ، ނަބީލް އަލް ކުރްދު، ފަލަސްޠީނުގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ މުނާ ހައްޔަރު ކޮށްފައި ވަނީ އިސްރާއީލުގެ ސިފައިން ކުށްލިއަކަށް ގެއަށް ވަދެގަނެ، ގެ ބަލާ ފާސް ކުރުމަށް ފަހުގައި ކަމަށެވެ. މުނާ ހައްޔަރު ކުރަމުން، އަމިއްލައަށް ފުލުހުންނާއި ހަވާލު ވުމަށް އަމުރުކޮށް ލިޔެފައިވާ ނޯޓިސްއެއް އިސްރާއީލުގެ ފުލުހުން މުޙައްމަދަށް ދީފައިވާ ކަމަށްވެސް އެ ދެބެންގެ ބައްޕަ މައުލޫމާތު ދީފައިވެ އެވެ.
އާދިއްތަ ދުވަހު، ފަލަސްޠީނުގެ ވަކީލު ނަސީރު އޮޑޭހް ވަނީ މިހާރު މުޙައްމުވެސް އިސްރާއީލުގެ ފުލުހުންގެ ހައްޔަރުގައި ހުރިކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި މި ދެބެންގެ މައްޗަށް އިސްރާއީލުގެ ސިފައިން ތުޙުމަތު ކޮށްފައި ވަނީ، އާންމު މަސްލަޙަތު ނަގާލުމާއި އާންމުންގެ ސަލާމަތަށް ގެއްލުންވާފަދަ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމުގެ ތުޙުމަތު ކަމަށް ނަސީރު ވިދާޅުވެއެވެ. އަދި މީގެ އިތުރުން، އެ ސަރަޙައްދުގައި ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރި ވުމުގެ ކުށުގެ ތުޙުމަތުވެސް މި ދެ ބެއިންގެ މައްޗަށް އިސްރާއީލު ސިފައިން ވަނީ ކޮށްފައެވެ.
ނަމަވެސް ނަސީރު ފާހަގަ ކުރައްވާ ގޮތުގައި، އިސްރާއީލުން ފަލަސްޠީނުގެ މިދެބެއިން ހައްޔަރު ކޮށްފައި ވާ ހަމަ އެކަނި ސަބަބަކީ އަމިއްލަ ގޮދޮރު ދޫކޮށް ދިއުމާއި ދެކޮޅު ހެދުމެވެ. އަދި އިސްރާއީލުން އެއްވެސް މީހަކު އެ މީހުންގެ ލާއިންސާނީ އަމަލުތަކުގެ ޙަޤީޤަތް ހާމަ ކުރިޔަ ނުދޭން މަސައްކަތް ކުރާ ކަމަށްވެސް ނަސީރު ވަނީ ތުޙުމަތު ކުރައްވާފައެވެ.
މުނާ ހައްޔަރު ކޮށްފައިވާ ވީޑިއޯއެއް މިހާރު ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ. އަތުގައި ބިޑިއަޅުވައިގެން ގަދަ ކަމުން މުނާ ގެއިން ނެރެމުން ދިޔަ އިރު، އޭނާގެ އާއިލާ ގާތު ބިރު ނުގަތުމަށް މުނާ ބުނާ މަންޒަރު ފެނިގެން ދެއެވެ. އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މުނާ ބުނެފައި ވަނީ، އޭނާ ހައްޔަރު ކޮށްފައި ވަނީ، އޭނާއަކީ ޝެއިޚް ޖައްރާޙުގެ ޙާލަތުގެ ރަމްޒެއް ކަމުގައި ވުމާއި، އޭނާއަކީ އެ ސަރަޙައްދުގެ އެތަކެއް ސަތޭކަ އާއިލާތަކުގެ އަޑުކަމުގައި ވާތީ ކަމުގައެވެ.
އިސްރާއީލު ފުލުހުން މި ދެބެންގެ ހައްޔަރާއި ގުޅިގެން ބުނެފައި ވަނީ، ހައްޔަރު ކުރީ އާންމު ތަންތަނުގެ މަސްލަޙަތު ނަގާލަމުން ދާތީކަމަށެވެ.
ފާއިތުވި މަސްތަކުގައި އިސްރާއީލުން އަންނަނީ ޝެއިޚް ޖައްރާޙް ސަރަޙައްދުގެ ގެތަކުން އެ ގޭގެ ވަޒަންވެރިން ކަަމަށްވާ ފަލަސްޠީނުގެ ރައްޔިތުން ގަދަ ކަމުން ނެރެމުންނެވެ. އަދި އެ މީހުންގެ ބިންތައް ފޭރި ގަތުމަށްފަހު، އެ ތަންތަން ބޭނުން ކުރަމުން ދަނީ އިސްރާއީލުގެ ޔަހޫދީ ދަރިކޮޅުގެ މީހުން އާބާދު ކުރުމަށެވެ. މިއީ، 1948 ވަނަ އަހަރުގެ ނަބްކާއިން ފެށި ނަސްލީ ޤަތުލުއާންމުގެ ހަރަކާތްތަކުގެ ސީރީޒްއެއް ކަމަށް މި ސަރަޙައްދުގެ ވަޒަންވެރިން ސިފަ ކުރެއެވެ.
އިސްރާއީލުން އިރުމަތީ ޤުދުސްއަށް އަރައިގަނެފައި ވަނީ 1967 ވަނަ އަހަރުގައެވެ. އަދި މިއީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއްވެސް ވަރަކަށް ބަލައިގަނެފައިވާ ކަމެއް ނޫނެވެ. ނަމަވެސް، އޭރުއްސުރެ، އިސްރާއީލުގެ ސިފައިން އެ ސަރަޙައްދުން ފައިބާފައި ނުވާއިރު، މިހާރު އެ މީހުން މަސައްކަތް ކުރަމުން ދަނީ މި ސަރަޙައްދުގެ ހާހަކަށް ވުރެ ގިނަ ގެތަށް، އޭގެ ވެރިންގެ އަތުން ފޭރިގަތުމަށެވެ.
މި މައްސަލައިގައި އިސްރާއީލުން ފާއިތުވި ރަމަޟާން މަހު ފަލަސްޠީނަށް ދިން ހަމަލާތަކުގައި، ފަލަސްޠީނުގެ 250 ރައްޔިތުން ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް