ވެކްސިން ނުޖަހާތިބި ރައްޓެހިންނާއި އާއިލާ މީހުންނަށް ވެކްސިން ޖެހުމަށް ބާރުއެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ލިބޭނީ އާބާދީގެ ބޮޑުބައެއް ވެކްސިން ޖަހައިގެން ކަމަށާއި، ސިނޮފާމް ވެކްސިން އަދިވެސް އެބަހުރި ކަމަށެވެ. ވެކްސިންގެ އެއްވެސް ޑޯޒެއް އަދިވެސް ޖަހާފައި ނުވާނަމަ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އެދެއެވެ.
މާލެ ސަރަހައްދުގައި ސިނޮފާމް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ވެސް ދެމުން އެބަ ދެއެވެ. އެގޮތުން ސިނޮފާމް ގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުގައި ދެނީ، ކޮވިޑް ދިފާޢު އެއްވެސް ވެކްސިން އެއް ޖަހާފައި ނުވާ، އުމުރުން18 އަހަރުގެ މީހުންނަށެވެ. އަދި ދެވަނަ ޑޯޒް ދެނީ، ފުރަތަމަ ޑޯޒް ޖެހިތާ ތިން ހަފްތާ ވެފައިވާ މީހުންނަށެވެ.
މާލެ ސަރަހައްދުގައި ތިން ތަނެއްގައި ސިނޮފާމް ވެކްސިން ދެމުން އެބަ ގެންދެއެވެ. އެއީ ނެޝަނަލް އާޓް ގެލަރީ، ވިލިމާލެ ޔޫތް ސެންޓަރުގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
މި ތިން ތަނުގައި ވެސް ހެނދުނު 09:00 އިން11:00 އަށް ވެކްސިން ޖެހުން ކުރިއަށް ދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އާ ވޭރިއެންޓްތަކައެކު ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށް ވިދާޅުވެ އެމެރިކާގެ ސީޑީސީގެ ކުރީގެ ޑިރެކްޓަރު، ޑރ. ޓޮމް ފްރައިޑެން ވެސް ވަނީ އިންޒާރުދެއްވާފައެވެ.
ޑރ. ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ. އަދި އޭނާ ވަނީ ވެކްސިން ނުޖެހުމުގެ ސަބަބުން ބަލީގައި ބޮޑުވަރުވެ މަރުވާން މެދުވެރިވާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި މިހާތަނަށް67،538 މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، މިހާތަނަށް182 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. އަދި47،333 މީހުން ކޮވިޑުން ރަނގަޅުވެފައި ވާއިރު،20،014 މީހުނަށް މިހާރު ދަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް