ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ނުކުޅެދި، ފަރުވާ ކުޑަކަމާއި އިހުމާލުން އެތައް ރައްޔިތުންނެއް މިދުނިޔެ ދޫކޮށްފައިވާއިރު އެކަންކަން ތަޙުޤީޤުކޮށް ރައްޔިތުންނަށް ޖަވާބުދާރީވެ ޒިންމާއާއި ޙަވާލުވެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތައް އިސްތިޢުފާ ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ގޮވާލައިފިއެވެ.
ކޮވިޑްގެ ބަލީގައި ދުނިޔެ ދޫކުރަމުންދާ ރައްޔިތުންގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު، އެކަންކަމަށް ސަމާލުވެ، ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ އެކަމަށް ކަންބޮޑު ވާކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އަދި މިފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާކުޑަ ކަމާއި، އިހުމާލު ބޮޑުކަން ފާހަގަކޮށ،ް އެ ކޯލިޝަނުން ބުނެފައި ވަނީ، އެމްބިއުލާންސް ލަސްވެގެން ކުޑަކުޑަ މިޝްކާ މި ދުނިޔެއާއި ވަކިވެގެން ދިޔަތާ މާ ގިނަ ދުވަހެއް ނުވެ، އަނެއްކާވެސް އިހުމާލުގެ އެހެން ޙާދިސާއެއް ހިނގާފައި ވާ ކަމަށެވެ.
އެގޮތުން، ގދ. ދާންދޫ /ވިިނަމަތި، މަރިޔަމް އިބްރާހީމް މި ދުނިޔެއާއި އަލްވަދާޢު ކިޔާފައި ވާއިރު، މަރިޔަމްއާއި ދޭތެރޭގައި ސަރުކާރުން ކަންކޮށްފައި ވާ ގޮތަށް ބަލާއިރު، ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި އިޙުމާލު ވަރަށް ބޮޑަށް އޮތްކަން ހާމަވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުގެ ނޫސް ބަޔާނުގައި ވެއެވެ.
އެގޮތުން، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޯލިޝަންގެ ލީޑަރޝިޕާއި ކައުންސިލާއި ސްޓިއަރިންގް ކޮމިޓީތަކާއި އާއްމު މެންބަރުންގެ ނަމުގައި، ގދ ދާންދޫ ކައުންސިލްގެ ރައީސްއާއި މަރްޔަމް އިބްރާހީމްގެ ޢާއިލާއަށް ވަނީ ތައުޒިޔާ ކިޔާފައިވެއެވެ.
މަރްޙޫމާ މަރިޔަމް އިބްރާހީމްގެ ހާލު ބޮޑުވެގެން އެމަޖެންސީގައި މާލެ ގެނެވުނުއިރު މަރިޔަމްއަށް އަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރެވުނު ވެންޓިލޭޓަރުގެ ބެޓެރީ ޗާޖް ހުސްވެ، ވެންޓިލޭޓަރުގެ މަސައްކަތް ހުއްޓުމާއި ގުޅިގެން މަރްޔަމްއަށް ފަރުވާ ދެވިފައި ވަނީ އަތުން ޕަންޕް ކޮށްގެން ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.
ކޮވިޑްގެ އެންމެ ނުރައްކާތެރި ޙާލަތަށް ތައްޔާރުވެފައިވާ ސަރުކާރުން، އެމަޖެންސީގައި ހާލުބޮޑުމީހަކު ފްލައިޓަށް އަރުވާއިރު، ފަރުވާއަށް ބޭނުންވާ އާލާތްތައް ހަމަކުރެވިފައި ނުވުމަކީ ހިތާމާހުރިކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
" ސަރުކާރުގެ ފަރުވާކުޑަކަމާއި އިހުމާލުގެ އަގު ދިވެހި ރައްޔިތުން ދައްކަންޖެހެނީ ކިތައް ފުރާނައިންތޯ؟ މިކަމުގައި ފަރުވާތެރިވެ ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތް ކުރާކަށް ނުވޭތޯ؟ ކޮވިޑް ފެތުރުން މަދުކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަށް ނުވޭތޯ؟ ކޮވިޑް ފެތުރެމުންދާ ރައްރަށުގައި ފަރުވާއަށް ބޭނުންވާ އެންމެހައި ކަންކަން ފުރިހަމަ ކުރާނީ މިދަފަ ހިތާމަވެރި ކިތައް ހާދިސާއަށް ފަހުތޯ؟" ޕީޕީއެމްގެ ބަޔާނުގައި މިފަދައިން ސުވާލު އުފައްދާފައި ވެއެވެ.
އެ ކޯލިޝަނުން ވަނީ، ޒިންމާއިން ރެކިވަޑައިގަތުމުގެ ބަދަލުގައި ކުޑަކުޑަ މިޝްކާއާއި މަރިޔަމް ފަދައިން، ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި އިޙުމާލުން ގެއްލުން ލިބިފައިވާ ޢާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙަށް ގޮވާލާފައެވެ.
އަދި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުއްވުމަށް ވެސް ގޮވާލަމުން އެ ކޯލިޝަނުން ބުނެފައި ވަނީ، މި މައްސަލަތައް ބަލައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައުލޫމާތާއި ކަން ހިނގާފައިވާ ގޮޮތުގެ ހަގީގަށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އިފް ދި މޯލްޑިވްސް އަށް ވެސް ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް