ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ވެމްކޯގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި 50،000 ރުފިޔާ މިއަދު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާ ހަވާލުކޮށްފިއެވެ.
މިފައިސާގެ އެހީ އަކީ ވެމްކޯގެ ހުރިހާ ސައިޓްތަކެއްގައި ބެހެއްޓުނު ފަންޑު ފޮށިތަކަށް މުވައްޒަފުން ހެޔޮހިތުން ޖަމާކޮށްދީފައިވާ އެހީއެއް ކަމަށް ވެމްކޯއިން ބުނެއެވެ. މިއަދުގެ ރަސްމިއްޔާތުގައި މިއެހީ ވެމްކޯގެ ފަރާތުން ރައްދުކޮށްދެއްވީ ވެމްކޯގެ އެމްޑީ އަޙްމަދު މުޙައްމަދެެވެ.
ފަލަސްޠީނަށް އެހީވުމުގެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑްފޮށި ބަހައްޓާފައި ވާއިރު، ދިވެހިން ތިބީ ފަލަސްޠީނާއެކުގައި ކަން ދައްކުވައިދޭ ސައިކަލު ބުރުތަކާއި ހިނގާލުންތަކުގެ އިތުރުން ކަނޑުމަތީގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ދަނީ ރެޔާއި ދުވާލު މީސްމީޑިޔާގެ މަންސަތަކުގައި، ފަލަސްޠީނު މިނިވަން ކުރުމަށް ގޮވާލަމުން ދެއެވެ. ދިވެހިންގެ ތެރޭން ގިނަ ބަޔަކު ވެސް ވަނީ މިކަމަށް ގޮވާލާފައެވެ.
މީގެ ކުރިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ހިންގި މިފަދަ ހަރަކާތްތަކުގައި ދިވެހިން ދިން ފައިސާގެ އެހީގައި ވަނީ ރޯދަ މަހު ސީރިއާ އާއި ފަލަސްތީންގެ ގާޒާގައި ދިރިއުޅޭ މުސްލިމުންނަށް ކާބޯތަކެތީގެ އެހީ ފޮނުވާފަ އެވެ. ބައެއް ފަހަރު އަންނައުނުވެސް ފޮނުވާފައިވެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ، ރާއްޖެ މިއޮތީ ފަލަސްޠީނާއެކުގައި ކަމަށް ބުނެފައެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ރާއްޖެ ފަލަސްތީން އާއި އެކު އޮތްކަން ސޯޝަލް މީޑާގައި ހާމަކޮށް ގައްޒާގައި އިޒްރާއީލުން ދެމުންދާ ލައިންސާނީ އަނިޔާތަށް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް