ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި މިސައިލެއް ކާމިޔާބު ކަމާއިއެކު ގޮއްވާލާފައިވާ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ކޯލިޝަނުން ބުނެފިއެވެ.
ސަޢޫދީޢަރަބިއްޔާގެ ދަށުން މަސައްކަތް ކުރާ މި ކޯލިޝަންއަކީ ޔަމަންގައި އަމިއްލަ ވެރިކަމެއް އުފައްދައިގެން އުޅޭ ހޫޘީންނާއި ހަނގުރާމަ ކުރުމަށް އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނެކެވެ. މި ކޯލިޝަނުން މައުލޫމާތު ދިން ގޮތުގައި، އަސްކަރީ އެއަރބޭސްއެއްގެ ކައިރިން ހޫޘީން ފޮނުވާލި މި މިސައިލު އަމާޒު ކޮށްފައި ހުރީ ސަޢޫދީ ޢަރަބިއްޔާގެ ދެކުނުގައި އޮންނަ ޚާމިސް މުޝައިތު ނަމަކަށް ކިޔާ ސަހަރަށެވެ.ނަމަވެސް، އެ ސަހަރަށް މި މިސައިލު ފޯރުމުގެ ކުރިން، ސަޢޫދީގެ އަސްކަރީ ކޯލިޝަނުން ކާމިޔާބު ކަމާއިއެކު ވަނީ މި މިސައިލް ވައިގެ ތެރެއަށް ގޮއްވާލާފައި ކަމަށްވެސް މި ކޯލިޝަނުން މައުލޫމާތު ދެއެވެ.
މި ކޯލިޝަނުން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހިއްސާވާ ޓީވީ ޗެނަލެއް ކަމަށްވާ އަލް އަޚްބަރިޔާއިން ވަނީ ޓެލެކާސްޓު ކޮށްފައެވެ.ނަމަވެސް، ހޫޘީގެ އަސްކަރިއްޔާއިން ޓްވިޓަރގައި ބުނެފައި ވަނީ، މިސައިލް މިސްރާބަށް ފޯރާފައިވާ ކަމަށާއި މި ޙަމަލާ ކާމިޔާބު ވެފައިވާ ކަމަށެވެ.
ހޫޘީން އަންނަނީ ތަކުރާރުކޮށް ސަޢޫދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މިފަދަ ޙަމަލާތައް ފޮނުވަމުންނެވެ.ހޫޘީންނަށް މިސައިލާއި ހަތިޔާރުގެ އެހީ ދެމުން ގެންދަނީ އީރާނުން ކަމަށް ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއިން ތުހުމަތު ކުރެއެވެ.މި ތުޙުމަތުތަކާއި ގުޅިގެން، އަމިއްލަ ޓީވީ ޗެނެލެއް މެދުވެރިކޮށް ހޫޘީން ބުނެފައި ވަނީ، ސަޢޫދީ ޢަރަބިއްޔާއަށް ޙަމަލާ ދިނުމަށް މަޖުބޫރު ކުރުވަނީ ހަމަ އެ ޤައުމުން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހޫޘީން ބުނަނީ، ސަޢޫދީއިން އެހެން ޤައުމުތަކާއި ގުޅިގެން އަސްކަރީ ކޯލިޝަނެއް އުފައްދާ، ޔަމަންގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ސަބަބުން، ޔަމަންގެ ގިނަ ރައްޔިތުން މަރުވަމުން ދާތީ ކަމަށް ހޫޘީން ބުނެއެވެ.
ޔަަމަނުގައި އަމިއްލަ ވެރިކަމެއް ކުރަމުންދާ ހޫޘީންނާއި ހަނގުރާމަ ކުރުމުގެ ގޮތުން، ސަޢޫދީ ޢަރަބިއްޔާއިން އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން ޔަމަންގެ ކަންކަމުގެ ތެރެއަށް ވަންނަން ފަށާފައި ވަނީ 2015 ވަނަ އަހަރުގައެވެ.މި އަހަރު، ހޫޘީންވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތާއީދާއިއެކު ޔަމަންގެ ވެރިރަށް ސަންއާގައި ޤާއިމް ކޮށްފައިވާ ސަރުކާރު ވައްޓާލާފައެވެ. އޭގެ ފަހުން، މި ކޯލިޝަނާއި ހޫޘީ އަސްކަރިއްޔާއާއި ދެމެދުގައި އަންނަނީ ގިނަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.
ޔަމަންގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން، އެ ޤައުމެ ގިނަ ބަޔަކު ނިޔާވެ، ކާބޯތަކެތި ލިބުން ދަތިވެ ގިނަ ބަޔަކު ވަނީ ބަނޑަށް ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް