މޮޑާނާ އަދި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފި

ސްޕެއިންގެ ވެކްސިނެއް ކަމަށްވާ "ކޯވިޑް ވެކްސިން މޯޑާނާ" އަދި ޖެންސެންގެ އުފެއްދުމެއް ކަމަށްވާ "ކޯވިޑް ވެކްސިން ޖެންސެން" ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން...

06 Jun 2021 | 10:23

ސްޕެއިންގެ ވެކްސިނެއް ކަމަށްވާ "ކޯވިޑް ވެކްސިން މޯޑާނާ" އަދި ޖެންސެންގެ އުފެއްދުމެއް ކަމަށްވާ "ކޯވިޑް ވެކްސިން ޖެންސެން" ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

މި ދެ ވެކްސިނަށް ވެސް ހުއްދަ ދިނީ މިއަދުން ފެށިގެނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ މި ދެ ވެކްސިން ވެސް ދޭނީ ހަމައެކަނި އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެމްއެފްޑީއޭއިން ދީފައިވަނީ އެމަޖެންސީ ހާލަތުގައި ދޫކުރާ ހުއްދައިގެ ދަށުންނެވެ.

ރާއްޖޭގައި މި ދެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ރަނގަޅަށް ދިރާސާކުރުމަށް ފަހުގައި ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އެމްއެފްޑީއޭއިން ބުނީ މި ނިންމުން އެ އޮތޯރިޓީން ނިންމީ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާއާއި މަޝްވަރާއާއި އެކުގައި ކަމުގައެވެ.

އެމްއެފްޑީއޭއިން ބުނީ ކޮންމެ ވެކްސިނަކީ ވެސް އެ ވެކްސިނެއް ބޭނުން ކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ 'ރިއެކްޝަނެއް' އައުމުގެ ފުރުސަތު އޮންނަ އެއްޗެއް ކަމަށެވެ. ވުމާއެކު، އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، ވެކްސިން ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން ބަލަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް އެފްޑީއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް