އިންޑިއާގައި ކޮވިޑު 19 ގެ ވޭދަނަތައް މަދުވަމުން އައުމާއި ގުޅިގެން، އެ ޤައުމުގައި ލުއި ދިނުމަށް އިންޑިއާ ސަރުކާރުން މަސައްކަތް ފަށައިފިއެވެ. އާދިއްތަ ދުވަހު އެ ޤައުމުން ކޮވިޑުގެ 114،460 އައު ވޭދަނަ ފެނިފައި ވާއިރު، މިއީ ފާއިތުވެ ދިޔަ 2 މަހުގައިވެސް އިންޑިއާއިން ކޮވިޑަށް އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.
މި ބަދަލުތަކާއި އެކު، އިންޑިއާގެ އެކި ސަރަޙައްދުތަކަށް ލުއިތައް ދިނުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް ދެވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑު 19 ޖެހިފައިވާ ޤައުމެވެ. މި ލިސްޓުގެ އެއްވަނައިގެ އުޅެނީ އެމެރިކާއެވެ.އިންޑިއާއަށް އެރި ކޮވިޑު 19 ގެ ދެވަނަ ރާޅާއިއެކު، އެ ޤައުމުގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ ބޮޑެތި ގެެއްލުންތަކެއް ކުރިމަތި ވެފައެވެ. ޚާއްސަކޮށް، ބޮޑެތި ސަހަރުތަކާއި ދުރު، ރަށްފުޅުގެ އަވަށްތަކަށް ވަނީ މި ރާޅުގެ ސަބަބުން ފޫބައްދަން އުނދަގޫ ގެއްލުންތަކެއް ކުރިމަތި ވެފައެވެ.މި ސަރަޙައްދުތަކަށް މި ކަމުން އަރައިގަނެވޭނެ ވަގުތެއް އަންދާޒާ ކުރަން ދަތި ނަމަވެސް، އައު ދިއްލީފަދަ ބޮޑެތި ސަހަރުތަކުން މިހާރު އަންނަނީ ވިޔަފާރިތަކަށް ޖާގަ ދީ، ލުއިތަކެއް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.އެގޮތުން، ހޯމަ ދުވަހުން ފެށިގެން އައު ވިޔަފާރިތަކަށް އެ ސަރަޙައްދުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރުން، ކޮވިޑާއި ގުޅިގެން ތަންފީޒު ކުރަން ފަށާފައިވާ ބައެއް ޤަވައިދުތަކަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށް ރޮއިޓަރސްއިން ރިޕޯޓު ކުރެއެވެ.
މީގެ އިތުރުން، އިންޑިއާގެ ހުޅަގުން އޮންނަ މަހާރަޝްތްރާގައިވެސް އަންނަނީ މިދިޔަ އޭޕްރިލް މަހު އިއުލާން ކުރި ފުރަބަންދުގެ އުސޫލުތަކަށް ލުއިތަކެއް ދިނުމަށް މަސައްކަތް ކުރަމުންނެވެ.މަހާރަޝްތްރާއަކީ މުއްސަނދި ސަރަޙައްދެއް ނަމަވެސް، އިންޑިއާއަށް އެރި ކޮވިޑުގެ ދެވަނަ ރާޅުގައި އިންޑިއާއިން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ މި ސަރަޙައްދުން ކަން ފާހަގަ ކޮށްލެވެއެވެ.
އިންޑިއާގައި ވޭތުވެ ދިޔަ 3 ހަފްތާ ތެރޭގައި ކޮވިޑު ދިފާއު ވެކްސިން ދިނުންވެސް ވަނީ މެކުހަށް ޖަހާފައެވެ.ކޮވިޑު ދިފާއު ވެކްސިން ދޭން ފެށުން ލަސްވުމުގެ ސަބަބުން، ކޮވިޑުގެ 3 ވަނަ ރާޅެއް އެ ޤައުމަށް އަރާއިރު، 1.3 ބިލިއަން މީހުންނަށް ވެކްސިން ނުދެވިދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.މ
ިއަހަރުގެ ފަހުކޮޅާއި ހިސާބުގައި، އިންޑިއާއަށް ކޮވިޑު 19 ގެ 3 ވަނަ ރާޅެއް އެރުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ވަނީ ލަފާ ކޮށްފައެވެ. އަދި މި ރާޅުގައި، ކުޑަކުދިންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ސައިންވެރިން އަންދާޒާ ކުރެއެވެ.އެހެން ކަމުން، އެހާ ތަނަށް ގިނަ ބަޔަކަށް ކޮވިޑު ދިފާއު ވެކްސިން ނުދެ ވިއްޖެނަމަ، އިންޑިއާއަށް ކޮވިޑުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވެއެވެ.
މިވަގުތު އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދު ވެފައި ވީ ނަމަވެސް، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ.އެގޮތުން، ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު 2677 އަށް އިތުރު ވެފައި ވެއެވެ.
އިންޑިއާއިން މިހާތަނަށް ޖުމުލަ 28.8 މިލިއަން މީހުން ކޮވިޑަށް ފައްސި ވެފައި ވާއިރު، 347،000 މީހުން ވަނީ ކޮވިޑު ބަލީގައި މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް