ހދ. މަކުނުދޫން ކަރަންޓީނުގައި ނެތް މީހަކު ކޯވިޑް-19ށް ފައްސިވުމުން، ފިޔަވަޅުތަކެއް އަޅައިފިއެވެ.
މަކުނުދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، މަކުނުދޫގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ދެއްކި މީީހަކު ކޯވިޑް-19 ރޯގާއަށް ފައްސިވެފައި ވާތީ ގެއިން ނުނިކުތުމަށް ރައްޔިތުންނަށް އަންގާ ކަމަށެވެ. އަދި މަކުނުދޫ ކައުންސިލުން ވަނީ މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ވެސް ނުކުރުމަށް އަންގައިފައެވެ.
މީގެ އިތުރުން ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ސިއްހީ މަރުކަޒަށް ގުޅައި، ޑޮކްޓަރަށް ދެއްކުމަށް ވާނީ އިލްތިމާސްކޮށްފައި ކަމަށާއި، ކައުންސިލުން ވަކި ގޮތެއްް އަންގަންދެން ކެފޭ، ރެސްޓޯރެންޓު އަދި ގާޑިޔާތައް ބަންދުކުރުމަށް ވަނީ އަންގާފައި ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން މަކުނުދޫ ގައި ކަރަންޓީންގައި ނެތް މީހެއްގެ ކިބައިން މި ބަލި ނުފެނެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު މަކުނުދޫގައި 12 ކޯވިޑް އެކްޓިވް ކޭސް އެބަހުއްޓެވެ. އެ އެންމެންނަކީ ހޯމްް ކަރަންޓީންގައި ތިބި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް