އަންނަ ޖުލައި މަހުގެ 31ގެ ކުރިން ކުރީގެ ދިވެހި ރުފިޔާގެ ކަރުދާސް ނޫޓު އައު ނޫޓަށް ބަދަލުކުރުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އިލްތިމާސްކޮށްފިއެވެ.
ކުރީގެ ކަރުދާސް ނޫޓު އައު ނޫޓް ކަމަށްވާ "ރަން ދިހަ ފަހެއް"ގެ ނޫޓަށް ބަދަލުކުރުމުގެ ފަހު ފުރުސަތު 31 ޖުލައިގެ ނިޔަަލަށް ހަމަވާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ރާއްޖޭގެ މިނިވަން ރަން ޔޫބީލް ފާހަގަކުރުމަށް، 2016 ވަނަ އަހަރު ނެރުނު "ރަން ދިހަ ފަހެއް" ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ ދިގު މައްދަތެއް ދީފައެވެ. އަދި މި ނޫޓުތައް މި އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.
އެމްއެމްއޭއިން ބުނީ މި ތާރީހުގެ ފަހުން ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް ބަދަލު ނުކުރެވޭނެކަމަށެވެ. އެމްއެމްއޭއިން ބުނީ މިހާރު ވެސް ގިނަ އަދަދެއްގެ ކުރީގެ ކަރުދާސް ނޫޓުތައް އެ އިދާރާއަށް ލިބިފައިވާކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން އެމްއެމްއޭއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ވެސް އެޕޮއިންޓްމަންޓް އުސޫލުން ކުރިއަށްގެންދާއިރު، ކަރުދާސްނޫޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ވެސް އެޕޮއިންޓްމަންޓް ހެއްދުމުން ފައިސާ ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް އައިޑީކާޑު ނަންބަރާއި، ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ނަންބަރާއި ބޭނުންވާ ޚިދުމަތެއް ލިޔުމަށްފަހު 7919292 އެސްއެމްއެސް ނުވަތަ ވައިބަރ ކުރުމުން އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް