ހުޅުމާލޭ ތިން ސަރަހައްދެއްގައި ހެދިކާ ޓެންޓްތަކެއް ތަރައްގީކުރަނީ

ހުޅުމާލެ (ޔޫތު ސީޓީ)ގައި ހެދިކާ ވިއްކުމަށް 3 ސަރަހައްދެއްގައި ޓެންޓު ތަރައްގީކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ. އެޗްޑީސީ އިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ...

06 Jun 2021 | 08:41

ހުޅުމާލެ (ޔޫތު ސީޓީ)ގައި ހެދިކާ ވިއްކުމަށް 3 ސަރަހައްދެއްގައި ޓެންޓު ތަރައްގީކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޓެންޓުތަކުގައި ހެދިކާ ވިއްކައިގެން އާމްދަނީ ހޯދާ ކަމަށެވެ. އެހެންކަމުން އެރައްޔިތުންނަށް ފައިދާވާނެހެން ޓެންޓުތައް ބަހަލައްޓައި، މަރާމާތުކޮށް، ޚިދުމަތް ދިނުމަށާއި ފަސޭހައަކަށް ހެދިކާ ޓެންޓުތައް ބަހައްޓާނެ ރޫފް ޝެލްޓާތައް ތަރައްގީކުރަން އެކުންފުނިން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގެ ތިން ނެއިބަހުޑް، ނެއިބަހުޑް 1، 2 އަދި 3 ގައި ޝެލްޓާތައް ތަރައްގީކުރާނެ ކަމަށާއި ޓެންޓުތައް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިހާރު ޕްރޮޖެކްޓް ޕްލޭނިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެސިޓީގައި ޖުމްލަ 30 ފަރާތަކަށް އެ ޝެލްޓާތަކުގައި ހެދިކާ ވިއްކާ ސްޓޯލްތައް ބަހައްޓައިގެން ވިޔަފާރިކުރުމުގެ ފުރުސަތުދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހެދިކާ ވިއްކުމަށް ތަރއްގީކުރާ ޓެންޓުތަކުގައި މަސައްކަތް ކުރާނީ އެޗްޑީސީގެ ޚަރަދުގައި އެ ކުންފުނީގެ މުވައްޒަފުންނެވެ. އަދި މި ޓެންޓުތަކުގައި ހެދިކާ ވިއްކާ ސްޓޯލްތަކުގެ އިތުރުން އޯޕަން އޭރިއާ އާއި ކުޑަކުދިން ކުޅޭ ސަރަހައްދެއް ގާއިމުކުރެވޭނެއެވެ. އަދި އެތަނުގައި އިށީންނާނެ ބެންޗާއި ކުނި އަޅާނެ ޑަސްޓްބިން ބަހައްޓާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަމިއްލަ ފަރުދުން އަންނަނީ މިހާރު ވެސް ހެދިކާ ވިއްކަމުންނެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކެކެވެ. އެކަމަކު ހެދިކާ ވިއްކުމަށް އެޗްޑީސީން ދޫކޮށްފައިވާ ގާޑިޔާތަކުގެ މުއްދަތު ވަނީ ހަމަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް