މި ސަރުކާރުގައި ކޮރަޕްޝަން ވަނީ މަދުކުރެވިފައި: އަމީރު

ރައީސް އިބްރާޙިމް މުޙައްމަދުގެ މި ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުތަކާއެކު ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު މަދުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާ...

06 Jun 2021 | 07:59

ރައީސް އިބްރާޙިމް މުޙައްމަދުގެ މި ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުތަކާއެކު ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު މަދުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫއެން ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން، ޔޫ.އެން.ސީ.އޭ.ސީ ކޯލިޝަނުން ބޭއްވި 'ޔޫއެން ޖެނެރަލް އެސެމްބްލީ ސްޕެޝަލް ސެޝަން އަގެއިންސްޓް ކޮރަޕްޝަން' ގެ ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަމީރު ވަނީ ރާއްޖެއިން ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ގޮންޖެހުންތަށް ހުރިކަމަށެވެ. އަދި ރާއްޖޭގައި މިހާރު މުއްސަދިންނާއި ފަޤީރުންގެ އާމްދަނީގެ ފަރަޤް ބޮޑުވެފައިވާ ކަމަށާއި، މިކަމުގެ އެއް ސަބަބަކީ ސަރުކާރުގެ ޙަރަދުތަކުގެ ތެރެއިންނާއި، އެހީގެ ފަންޑުތަކުގެ ޙަރަދުތަކުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ އަމަލުތައްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރުން މިކަންތައްތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަށް ބެލުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ނަމުގައި ކޮމިޝަނެއް އުފައްދާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވަނީ މި ކަމުގައި ސަރުކާރަށް މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަށްވެސް ހިއްސާކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް، ނުވަތަ ސީ.ޕީ.އައިގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގައި ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް