ރައިސް އޮފީހުގެ ތަރުޖަމާނު އަދި މިހާރު ކޯވިޑް-19 އާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ލީޑު ކުރައްވާ މުހައްމަދު މަބްރޫކް އަޒީޒް ކޯވިޑް-19 އަށް ނެގެޓިވް ކަން އޭނާ ހަމަ ކުރައްވައިފި އެވެ.
މަބްރޫކް މިދިޔަ ހަފްތާގައި ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޯވިޑްގެ އަލާމާތްތައް ފެންނާތީ އޭނާ ހުންނެވީ އައިސޮލޭޝަންގައި ކަމަށެވެ. އަދި ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ވީހާވެސް އަވަހަކަށް އެނބުރި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށާނެ ކަމަށެވެ.
އޭގެ ފަހުން މިއަދު ފޮނުއްވި މެސެޖެއްގައި މަބްރޫކް ވިދާޅުވީ ނަތީޖާ ނެގެޓިވްވުމުން މިއަދުން ފެށިގެން އޭނާ ނޫސްވެރިންގެ ބައްދަލުވުންްތައް ބާއްވަވަން ފަށާނެ ކަމަށެވެ. އަދި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ހަވީރު ބާއްވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މި ދުވަސްވަރަކީ ކޯވިޑްގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި އެތައް ނުތަނަވަސް ކަމެއް އުފެދިފައިވާ ދުވަސްވަރެކެވެ. އެހެންވެ ވަރަށް އަވަސް އަވަހަށް ސަރުކާރުގެ ނިންމުންތަކާއި ކޯވިޑްގެ ފަހުގެ މައުލޫމާތުތައް ދިނުމަށް ނުސްވެރިންގެ ބައްދަލުވުންތައް ބޭއްވުން މުހިންމު ކަމަށް ސަރުކާރާއި ރައްޔިތުން ގަބޫލު ކުރެ އެވެ.
އެކަމަކު މިފަދަ ދަނޑިވަޅެއްގައި ކޯވިޑް-19 އާއި ގުޅިގެން ހުރިހާ ކަމެއް ބަލަހައްޓާ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވަނީ "ނިޒާމުން" ގެއްލިފައި އެވެ. މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެޗްއީއޯސީން ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޑރ. ނަޒްލާ ދެ ހަފްތާގެ ޗުއްޓީއެއް ނަންގަވާފައިވާ ކަމަށެވެ.
އޭގެ ފަހުން މިދިޔަ މަހުގެ ތެރޭގައި ކުއްލިއަކަށް ދެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ލީޑް ކުރަން ފެއްޓެވީ މަބުރޫކެވެ. އޭގެތެރެއިން އެއް ބައްދަލުވުމުގައި ނޫސްވެރިއަކު ޑރ. ނަޒްލާ ކޮބައިތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ޕޮސިޓިވް މީހަކާއި ޑައިރެކްޓު ކޮންޓެކްޓު ވެގެން ނަޒްލާ ހުންނެވީ ކަރަންޓީންގައި ކަމަށެވެ.
މިދިޔަ އަހަރުވެސް ޑރ. ނަޒްލާ ކޯވިޑަށް ޕޮސިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވެގެން ކަރަންޓީނަށް ވަޑައިގެންނެވި އެވެ. އެކަމަކު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ގޭގައި ހުންނަވައިގެން އޭނާ ބައިވެރިވެވަޑައިގެންްނެވި އެވެ. އެކަމަކު މިފަހަރު މިވެގެން އުޅޭ ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވި ކޯވިޑް-19 އާއި ގުޅިގެން ސަރުކާރަށް ލަފާދީ އަދި ނިންމުންތައް ނިންމާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް)ގެ ހެޑް ޑރ. އަލީ ލަތީފުވެސް މިޙާރު އެއްގޮތަކަށްވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
ޑރ. ނަޒްލާ އާއި ގުޅޭގޮތުން މަބްރޫކާއި ސުވާލު ކުރެއްވި ނޫސްވެރިޔާ ވަނީ ސިއްހީ ދާއިރާގެ ބައެއް ނިންމުންތަކާއި މެދު ސަރުކާރުން އަމަލު ކުރާ ގޮތުން އެޗްއީއޯސީގެ ބައެއް ވެރިން ހިތްހަމަ ޖެހިވަޑައި ނުގަތް ތިއްބެވި ވާހަކަތަކެއް ދެކެވޭ ކަމަށާއި ކުރިން މީޑިއާގައި އެންމެ ބޮޑަށް ކޯވިޑާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ބޭފުޅުން ގެއްލިފައި ވަނީ އެހެން ވެގެންތޯ ސުވާލު ކުރައްވާފައި އެވެ. އަދި ސިޔާސީ ފަރާތްތަކުން ދައްކަވާ ވާހަކަތަކާއި ސިއްހީ ދާއިރާގެ އިސް ފަރާތްތަކަށް ކުރާ ބައެއް ތުހުމަތުތަކާއި އެ ބޭފުޅުން ގެއްލުމާއި ގުޅުން ވޭތޯ ސުވާލު ކުރި އެވެ.
އެކަމަކު އެ ވާހަކަތައް މަބްރޫކް އެ ދުވަހު ދޮގު ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް