ހުރިހާ މިނިސްޓަރުން އަންހެންކުދިންނާ ބެހިފަ ފުރައިގެން ނުދޭ: ސީޒަން

ހުރިހާ މިނިސްޓަރުން އަންހެންކުދިންނާ ބެހިފަ (ޖިންސީ ގޯނާ ކޮށްފައި) ފުރައިގެން ވެސް ނުދާކަމަށް މަޝްހޫރު އެކްޓަރ އަދި ޕްރޮޑިއުސަރ އަލީ ސީޒަން ބުނެފިއެވެ. ސީޒަން މިހެން ބުނެފައި ވަނީ އޭނާއާ ކުރި ސުވާލަކާ...

06 Jun 2021 | 07:07

ހުރިހާ މިނިސްޓަރުން އަންހެންކުދިންނާ ބެހިފަ (ޖިންސީ ގޯނާ ކޮށްފައި) ފުރައިގެން ވެސް ނުދާކަމަށް މަޝްހޫރު އެކްޓަރ އަދި ޕްރޮޑިއުސަރ އަލީ ސީޒަން ބުނެފިއެވެ.

ސީޒަން މިހެން ބުނެފައި ވަނީ އޭނާއާ ކުރި ސުވާލަކާ ގުުޅުވައިގެންނެވެ.

ބައިސްކޯފުގެ ޝޯވ 'ތުންތުން މަތިން' ގައި ލަވަކިޔުންތެރިޔާ އަޝްފާ އާއި ފިލްމީ ތަރި ސީޒަން އަށް ކުރިމަތި ކުރުވި ސުވާލު ތަކުގެ ތެރެއިން، އެންމެ ފުރަތަމަ ސީޒަންއާ ކުރެވުނު ސުވާލަކީ، ސީޒަން ފިލްމީ ދާއިރާއަށް ނުކުތް އިރާ މިހާރާ އަޅާ ކިޔާނަމަ އެންމެ ބޮޑު ބަދަލަކަށް ފާހަގަ ވަނީ ކޮންކަމެއް ތޯއެވެ.

އެސުވާލުގެ ޖަވާބުގައި ސީޒަން ބުނަނީ އަޝްފާ ލަވަކިޔުން ކަމަށެވެ. އެއީ ވަރަށް ބޮޑު ބަދަލެއް ކަމަށާއި، ކުރީގައި އަޝްފާގެ އަޑެއް ނީންނާނެ ކަމަށް ސީޒަން ބުނެއެވެ. އަދި މިހާރު އަޝްފާގެ އަޑުން ކިޔާފައިވާ ލަވަތައް ފިލްމުތަކުގައި ހުރުން އެއީ ވަރަށް ބޮޑު ބަދަލެއް ކަމަށް ސީޒަން ބުނެއެވެ.

އޭގެ ފަހުން އޭނާ ބުނެފައި ވަނީ، އެންމެ ބޮޑު ބަދަލަކީ ފިލްމީ ދާއިރާގައި ގެންގުޅޭ އާލާތްތައް ކަމަށެވެ. އާލާތްތައް ވަރަށް ރަނގަޅު ނަމަވެސް، ފަންނާނުން ތެރެއިން ގިނަ މީހުންގެ 'ޑިސިޕްލިން' މިހާރު ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ.

އެހިސާބުން، ސީޒަން އެ ބުނަނީ ފަންނާނުންގެ އުޅުމެއް ނެތީއޭތޯ ޕްރެޒެންޓަރ ސުވާލު ކުރެއެވެ.

" ވޯކް ޑިސިޕްލިންގެ ވާހަކަ މިބުނީ. ދިވެހިންގެ ނުހުންނަ އެއްޗެއް ނުހުންނާނެ އެއްނު ފިލްމު ކުޅޭ މީހުންނަކަސް. އެއީ އަސްލު އެ ވާގޮތަކީ. މިސާލަކަށް ބުނަންޏާ އެންމެ ރެސްޕެކްޓެޑް ވާން ޖެހޭ އެއްބައެއް ނޫނީ ރައްޔިތުންނަށް އެންމެ ބޮޑު މިސާލަކަށް ވާން މި ޖެހެނީ ގައުމު ހިންގަން ތިބި މީހުން. ދެ ދުވަހުން އެއް ދުވަހު ކޮންމެސް އަންހެއް ކުއްޖެއްގެ މައްސަލައިގައި ގައުމުން ފިލައިގެން މިދަނީ" ސީޒަން ތިލަކޮށްދިނެވެ.

މިއީ (ރާއްޖެ އަކީ) އެކަހަލަ ގޮތަކަށް އޮތް ތަނެއް ކަމަށާއި މިކަހަލަ ތަނެއްގައި ވަކި ފިލްމު ކުޅޭކަށް މާ މާތް މީހުންތަކެއްު ނުނިކުންނާނެ ކަމަށް ސީޒަން ބުނެއެވެ.

" އެހެންމަ ހަމަ ސޮސައިޓީ އޮތް ގޮތަަކަށް ފިލްމު ކުޅޭ މީހުންވެސް އޮންނާނީ. ހަމަ އެއްބައެއް ދޯ ހުރިހާ ދާއިރާއެއްގައިވެސް މި އުޅެނީ. ދެން އެންމެންގެ ވާހަކައެއް ނޫން. ޖެނެރަލީ ބުނަންޏާމުން. ދެން ހުރިހާ މިނިސްޓަރުން އަންހެން ކުދިންނާ ބެހިފަ ފުރައިގެން ވެސް ނުދޭ. އެންމެންގެ ވާހަކައެއް ނޫން" ސީޒަން އިތުރުކޮށްލިއެވެ.

ބެލެވޭ ގޮތުގައި ސީޒަން އެ މާނަ ކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ދައުވާކޮށްފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރި ވާހަކަ އެކެވެ. މި ކަމަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު ޖޯކަކަށް ވަނީ ވެފައި އެވެ.

މި ނޫނަސް ތަފާތު އެކި ކަހަލަ ސުވާލު ސީޒަން އާ ކުރިމަތި ކުރުވިއިރު، ވަރަށް ހަމަޖެހިލައިގެން އިނދެ، މަޖާ ޖަވާބުތަކެއް ދެމުން ދިޔަކަން ފާހަގަ ކުރެވެއެވެ. އަދި މިއީ 'ތުން ތުން މަތިން' ޕްރޮގްރާމްގައި އެންމެ މަޖާ އެޕިސޯޑަށް ވެގެން ދާނެކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް