ބޭރު މީހުންނާއި އިނދެގެން ސަޢޫދީ އަންހެނުންނަށް ލިބިފައިވާ ދަރިންނަށް އެ ޤައުމުގައި ހިލޭ އުޅެވޭގޮތް ހަދަނީ

ސައުދީ ޢަރަބިއްޔާގެ އަންހެނުން، ޤައުމުން ބޭރުގެ މީހުންނާއި ކައިވެނި ކޮށްގެން ލިބޭ ދަރިންނަށް  އެ ޤައުމުގައި ދިރިއުޅެވޭނެ މަގުފަހި ކުރުމަށްޓަކައި، ސައުދީޢަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް ދެވޭ ހުއްދަ ކ...

06 Jun 2021 | 04:54

ސައުދީ ޢަރަބިއްޔާގެ އަންހެނުން، ޤައުމުން ބޭރުގެ މީހުންނާއި ކައިވެނި ކޮށްގެން ލިބޭ ދަރިންނަށް  އެ ޤައުމުގައި ދިރިއުޅެވޭނެ މަގުފަހި ކުރުމަށްޓަކައި، ސައުދީޢަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް ދެވޭ ހުއްދަ ކަމުގައިވާ އިޤާމާގެ ޤަވައިދަށް  މުހިންމު އިސްލާޙެއް ހުށަހަޅައިފިއެވެ.

ޝޫރާގެ މަޖިލީހުން މި ހުށަހެޅުން މިހާރު 2 ފަހަރަށް ރައްދު ކޮށްފައި ވީނަމަވެސް، މި އިސްލާޙް ހުށަހެޅުއްވި މެންބަރުން އަދިވެސް ގެންދަވަނީ މި އިސްލާޙު ފާސް ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.މި އިސްލާޙުގައި ވަނީ، އެހެން ޤައުމުތަކުގެ ފިރިންނާއި ކައިވެނި ކޮށްގެން އުޅޭ ސަޢޫދީ ޢަރަބިއްޔާގެ އަންހެނުންނަށް އެ ކައިވެނިން ލިބިފައިވާ ދަރިންނަށް ރެސިޑެންސީ ޕާމިޓު ނުވަތަ އެ ޤައުމުގައި ދިރިއުޅުމުގެ ހުއްދަ ލިބެން ޖެހޭ ކަމަށެވެ.

އެގޮތުން، އެއްވެސް ފީއެއް ދައްކަން ނުޖެހި، ބޭނުން މުއްދަތަަކަށް މި ކުދިންނަށް ދާއިމީ ރެސިޑެންޓު ވިސާއެއް ލިބެން ޖެހޭ ކަމަށް މި އިސްލާޙުގައި ހުށަހަޅާފައި ވެއެވެ. އަދި މި ލުއި ދެވިގެން ދާނީ، އެ ޤައުމުގެ އިދާރާތަކުން ހުއްދަ ދޫކޮށްފައިވާ އުސޫލުތަކުގެ މަތިން، ޤައުމުން ބޭރުގެ ފިރިހެންނުނާއި ކައިވެނި ކޮށް، ލިބިފައިވާ ދަރިންނަށް ކަމަށްވެސް މި އިސްލާޙުގައި ވެއެވެ.މިފަދަ ކައިވެނިތަކުގެ އަޤްދު ހުންނަން ޖެހޭނީ ސަޢޫދީގެ ކަމާއި ބެހޭ އިދާރާތަކުން އެޓެސްޓު ކޮށްފައި ކަމަށްވެސް މި އިސްލާޙުގައި ވަނީ ޝަރުތު ކޮށްފައެވެ.

މި އިސްލާޙު އެންމެ ފަހުން ބޭއްވުނު ޖަލްސާގައި ޝޫރާ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އެ މަޖިލީހުގެ 8 މެންބަރުންނެވެ.މީގެ ތެރޭގައި ހިމެނެނީ، ލަޠީފާ އަލް ޝާލާން، ފައިސަލް އަލް ފަޟިލް، ލީނާ އަލް މައީނާ، އާލިޔާ އައް ދަޙްލަވީ، ނޫރާ އަލް މުސައިދު، އަތާ އަލް ސުބައިތީ، މައުދީ އަލް ޚަލަފް އަދި ހުދާ ހިލައިސީއެވެ.މީގެ ތެރެއިން، އަލް މައީނާ، އަލް މުސައިދު އަދި އަލް ޚަލަފް މިހާރު ވަނީ މަޖިލިސް ދޫކޮށްލާފައިކަންވެސް ފާހަގަ ކޮށްލެެވެއެވެ.

ނަމަވެސް، ޝޫރާ ކައުންސިލްގެ ސެކިއުރިޓީ އެފެއަރޒް ކޮމިޓީން މި ހުށަހެޅުން ރައްދު ކުރުމާއި ގުޅިގެން، އެ މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާ މިހާރު ވަނީ ފަސް ކުރެވިފައެވެ.މި އިސްލާޙު ހުށަހެޅި މެންބަރުންގެ ތެރެއިން 3 މެންބަރަކު މަޖިލީހުން ވަކިވެފައި ވީ ނަމަވެސް، ބާކީ ތިއްބެވި 5 ބޭފުޅުން ގެންދެވަނީ އަދިވެސް މި އިސްލާޙު ބަލައިގަނޭތޯ މަސައްކަތް ކުރައްވަމުންނެވެ.

މި އިސްލާޙު ހުށަހެޅުއްވި މެންބަރުން ވިދާޅުވާ ގޮތުގައި، މި ހުށަހެޅުމުގެ ސަބަބުން ސަޢޫދީޢަރައްބިޔާގެ ސަރުކާރުން ބައިވެރި ވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ޤަރާރްތަކުގައިވާ ކަންކަން ހާސިލް ކުރުމަށް މަގު ފަހި ވެގެން ދާނެއެވެ. އެގޮތުން، އިންސާނީ ޙައްޤުތަކާއި، ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ކަށަވަރު ކުރުމުގެ ގޮތުން އެ ޤައުމުން ބައިވެރި ވެފައިވާ މުޢާހަދާތައް މި މެންބަރުން ފާހަގަ ކުރައްވައެވެ.އެ މަޖިލީހުގެ ސެކިއުރިޓީ ކައުންސިލްއިން މި ހުށަހެޅުންތައް ރައްދުކޮށްފައި ވަނީ، މި މުހިންމު ނުކުތާތަކަށް ރިޢާޔަތް ކުރުމަކާއި ނުލައެވެ.

މި އިސްލާޙު ހުށަހެޅި މެންބަރުން ވަނީ، އެ ޤައުމުގައި އަމަލު ކުރަމުން އަންނަ 'ޕްރިވިލެޖެޑް ރެސިޑެންސީ' ހުއްދައާއި ގުޅޭ ގޮތުން ފާޅުގައި ފާޑު ވިދާޅުވެފައެވެ.މި ހުއްދައަކީ ބަދަލުގައި ފައިސާގެ މަންފާއެއް ހާސިލްވާ ގޮތަށް، ބޭރުގެ އިންވެސްޓަރުންނަށް ދިގު މުއްދަތަކަށް އެ ޤައުމުގައި ދިރިއުޅުމުގެ ހުއްދަ ލިބިގެންދާ ޕާމިޓެެެއް ކަމުން، މި ޕާމިޓާއި އެކު ގިނަ ޙައްޤުތަކަކާއި، އާދައިގެ މީހުންނަށް ނުލިބޭ ފަދަ މަންފާތަކެއް މިފަދަ އިންވެސްޓަރުންނަށް ލިބިގެން ދެއެވެ.އެހެން ކަމުން، މި އިސްލާޙު ހުށަހެޅި މެންބަރުން ޤަބޫލު ކުރައްވަނީ، މިފަދަ ފައިދާތައް، އެއްވެސް މާލީ މަންފާއެއް ދިނުމަކާއި ނުލައި، ސައޫދީގެ އަންހެނުންނަށް ލިބިފައިވާ ދަރިންނަށް ލިބެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މި ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި، މިހާރު އެ ޤައުމުގައި އަމަލު ކުރަމުން އަންނަ އިޤާމާ ޤަަވައިދުގެ ދަށުން، އިންސާނިއްޔަތުގެ ދާއިރާ ފަދަ އެކި އެކި ކެޓެގަރީތަކުގައި ބޭރުގެ ފަރާތްތަކަށް ރެސިޑެންޓް ވިސާ ދޫކުރަމުން އަންނަ އިރު، ސަޢޫދީ އަންހެނުންނަށް އެހެން ޤައުމެއްގެ ފިރިންނާއި އެކު ލިބިފައިވާ ކުދިންގެ ޙައްޤުތައްވެސް، ސައޫދީގެ ސަރުކާރުން ކަށަވަރު ކޮށްދޭން ޖެހޭނެއެވެ.

މީގެ ކުރިންވެސް މިފަދަ އިސްލާޙެއް ސައޫދީގެ ޝޫރާ ކައުންސިލަށް ވަނީ ހުށަހަޅާފައެވެ. 2019 ވަނަ އަހަރު 5 މެންބަރުން ގުޅިގެން ހުށަހެޅި މި އިސްލާޙު ފާސްވެފައި ނުވަނީ އެންމެ 2 ވޯޓުގެ ތަފާތަކުންނެވެ. އެފަހަރު، މި އިސްލާޙާއި އެއްކޮޅަށް ވޯޓު ދެއްވާފައި ވަނީ ޖުމުލަ 74 މެންބަރުންނެވެ.މިފަދަ އިސްލާޙެއް ފާސް ވާނީ އެއްކޮޅަށް 76 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް