ސްކޫލު ބަންދުވުމުން ލިބޭ ބޮޑު ޗުއްޓީގައި މޭލެ ސަރަހައްދުން ރަށްރަށަށް ދިއުން މަނާވެއްޖެއެވެ.
މަނާވެފައިމިވަނީ މާލެއިން ރަށްރަށަށް ދިއުމަށް އޮންނަ އުސޫލު މިއަދުން ފެށިގެެން ވަރުގަދަކުރުމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭގައި ހާމަކުރި މި އުސޫލުގައި ބުނެފައިވަނީ މާލޭގައި ކޮވިޑު ފެތުރުން އިތުރުވެގެން ދިއުމާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލިފެތުރެމުންދާ ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވަައި މާލެއިން އަތޮޅުތަކަށް ދަތުރުކުރުން ވަނީ މިވަގުތު ހުއްޓާލެވިފައިކަމަށެވެ.
މިގޮތުން މާލެއިން އަތޮޅުތެރެއަށް ދަތުރުކުރުމުގައި ބަލާނެ ޒަރޫރީ ފަސް ހާލަތެއްވެސް އެޗްޕީއޭގެ މި އުސޫލުގައި ހާމަކޮށްފައިވެއެވެ. ހާލަތްތަކުގެ ތެރޭގައި ސްކޫލު ޗުއްޓީގައި ރަށަށް ދިއުން ހިމަނާފައެއް ނުވެއެވެ.
ޒަރުރީ ފަސް ހާލަތް
- ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުން.
- މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން އިތުރަށް ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.
- މާލޭގައި ދިިރިއުޅެވެން ނެތުމިުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލުކުރަން ޖެހުން
- މާލެއަށް ތައުލީމު ހާސިލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރި ދާންޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނެއެވެ)
- މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާންޖެހުން.
މި އުސޫލުގައި އެޗްޕީއޭއިން ބުނެފައިވަނީ މިފަދަ ޒަރޫރީ ބޭޏުންތަަކަށް ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމަށް އެދި މިއަދުން ފެށިގެން ހުށަހަޅާނީ "ހާލުބެލުން ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ. މިގޮތަށް އެދި ހުށަހަޅާއިރު އެމީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ، ދަތުރުކުރަނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލަށް އަޕްލޯޑްކުރަން ވާނެކަމުގައިވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މި ހާލަތްތަކުގައި ދަތުރުކުރާ މީހުން، މިހާރުވެސް ކަނޑައެޅިފައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަހަށްފަހު ޓެސްޓުކޮށް ނަތީޖާ ނެގަޓިވްވުމުން ކަމުގައިވެސް މި އުސޫލުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް