ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް އެތެރެވިއަ ނުދީ އަނބުރާ ފޮނުވާލި މައްސަލައިގަ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
އާންމުކޮށް ގައުމުތަކުގެ ސަފީރުން ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރާނީ ދެ ގައުމުގެ ގުޅުން ހީނަރުވާ ފަދަ ކަމެއް ހިނގުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެވެ.
މި ބައްދަލުވުމުގެ މާ ބޮޑު ތަފްސީލެއް ނޭނގުނު ނަމަވެސް ފޮރިން މިނިސްޓްރީން އެދުނު ކަމަށް ވަނީ ނިހާނަށް އިންޑިއާއަށް އެތެރެ ނުވެވުނު ސަބަބު އޮޅުން ފިލުވައި ދިނުމަށެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން މިޝްރާ އާއި ބައްދަލު ކުރެއްވީ ސެކްރެޓަރީ، ބައިލެޓްރަލް އަހުމަދު ޚަލީލް އެވެ.
ނިހާން ރޭ ވިދާޅުވީ އިންޑިއާގެ މި އަމަލަކީ ބޮޑު ގައުމަކުން، ކުޑަ ގައުމެއް "ބުލީ" ކުރުން ކަމަށެވެ. ނިހާން ވިދާޅުވީ އޭނާ އަނބުރާ ފޮނުވާލުމަކީ ރާއްޖޭގެ ސަރުކާރާ ދޭތެރޭ އިންޑިއާ ހިތްހަމަ ނުޖެހިގެން ކުރި ކަމެއް ނަމަ އެކަން ސާފުކޮށް ބުނެދިނުމުގެ ގާބިލްކަން އިންޑިއާގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި މިއީ ދެގައުމުގެ ގުޅުން ހީނަރުވުމުން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާނާއި މެދު އެގޮތަށް އިންޑިއާ އިމިގްރޭޝަނުން ކަންތައް ކުރީ މިދިޔަ ހޯމަ ދުވަހު ސައިނަސްއަށް ފަރުވާ ހޯއްދެވުމަށް ޗެންނާއީއަށް ވަޑައިގެންނެވުމުންނެވެ. މި މައްސަލައިގަ މިހާތަނަށް އިންޑިއާ ސަރުކާރުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް