މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި ޕްރައިވަޓައިޒޭޝަން ސިޔާސަތު ކުރިޔަށް ގެންދަން ނިންމާފައިވާ ގޮތް ހާމަކޮށްފި އެވެ.
އުމަރުގެ ސިޔާސަތުތައް ހާމަ ކުރަމުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އަދި އޭނާ ވަނީ އެ ސިޔާސަތު ތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. މިހާތަނަށް އުމަރު ވަނީ ޕްރައިވަޓައިޒޭޝަން އާއި މަތީތައުލީމާއި، ގެދޮރާއި، ބިދޭސީންގެ މައްސަލަތަކުގެ ސިޔާސަތު އާންމު ކުރައްވާފައި އެވެ.
ޕްރައިވަޓައިޒޭޝަން ސިޔާސަތާއި ގުޅޭގޮތުން އުމަރު ވިދާޅުވީ ވިޔަފާރި ކުރާ އާއްމުންގެ އަތުން ޓެކްސް ނަގައިގެން ސަރުކާރާއި މުޅި ދައުލަތް ހިންގާއިރު، އެ ވިޔަފާރީގެ ތެރެއަށް ސަރުކާރުގެ ކުންފުނިތަކުން ވަދެ، އާއްމުން ވިޔަފާރިތަކާ ވާދަކުރުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި އާއްމު ރައްޔިތުންނަށް މުދާ އަގު ހެޔޮކޮށްދިނުމުގެ ނަމުގައި އެ ގޮތަށް ކަންތައް ކުރުމުން ވިޔަަފާރިތައް ފިތި، ކުރިއެރުން ހުއްޓި އަދި ވިޔަފާރީގެ ބާޒާރުން އާއްމު ވިޔަފާރިތައް ބާކީ ވެދާނެ އެވެ. އެހެންވެ، އޭނާގެ ވެރިކަމެއްގައި، ސަރުކާރުން ބައިވެރިވާނީ އެކަމެއް ނުކުރުމުގެ ސަބަބުން މުޅި ރައްޔިތުންނަށް އަސަރު ފޯރަފާނެ ކަމަށް ފެންނަ ބާވަތްތަކުގެ ވިޔަފާރީގައި އެކަނި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފައިދާ ނެރެވެނީ އެންމެ ނުވަ ކުންފުންޏަކަށް ކަމަށްވާތީ އުމަރުގެ ވެރިކަމެއްގައި، ސަރުކާރުގެ 80 ޕަސެންޓް ކުންފުނި އެއްކޮށްލައި ޕްރަވެއިޓައިޒް ކުރާނެ ކަމަށެވެ. ޕްރައިވެޓައިޒް ކުރާ ކުންފުނިތަކުގެ ހިއްސާތައް، އެ ކުންފުންޏެއްގެ މުވައްޒަފުންނަށާއި ދައުލަތަށް ހިދުމަތް ކުރާ އެހެނިހެން މުވައްޒަފުންނަށް ދިނުމަކީ އުމަރުގެ ވިޔަފާރީގެ ސިޔާސަތުގައި ހިމަނާފައިވާ ކަމެކެވެ.
އަދި ބައެއް ހިއްސާތައް، އަމިއްލަ ފަރާތްތަކަށް ވިއްކާލައި، ސަރުކާރަކީ ވިޔަފާރީގައި އާއްމުންނާ ވާދަނުކުރެވޭ ބައެއް ކަމަށް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާ އަކަށް ވާނީ ދިވެހިންގެ މުދާވެރިކަން އިތުރުވުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި، ރާއްޖޭގައި މިހާރު ހުރި ގިނަ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އާއްމު ވިޔަފާރިތަކާ ވާދަކުރާ ހުރިހާ ބާވަތުގެ ވިޔަފާރިތަކެއް ރައްޔިތުންގެ އަތްމައްޗަށް ބަދަލުކޮށްލައި، ސަރުކާރު ކުންފުނިތަކުގެ ތެރެއިން 80 ޕަސެންޓް ކުންފުނި އެއްކޮށް ޕްރައިވެޓައިޒް ކުރެވޭނެ،" އުމަރު ވިދާޅުވެފައިވެ އެވެ.
ސަރުކާރަކީ ވިޔަފާރިކޮށް، މުދާ ގަނެ ވިއްކާ ބައެއް ނޫން ކަމަށާއި ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ ވިޔަފާރިތައް ރެގިއުލޭޓް ކުރުމާއި އާއްމު ވިޔަފާރިތަކަށް ރައްކާތެރިކަން ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި، ކޮންމެ ސަރުކާރަކުން ވެސް، ދައުލަތުގެ ކުންފުނިތައް ބޭނުން ކުރަނީ ނާޖާއިޒު ފައިދާ ހޯދުމަށެވެ. އެކަމަކު، އޭނާގެ ވެރިކަމެއްގައި އެކަން ހުއްޓުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް