ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އެންވަޔަރަމަންޓު މިނިސްޓްރީން ހާއްސަ ފޮޓޯ ނެގުމުގެ މުބާރާތެއް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކޮށް ތިމާވެއްޓާއި މެދު ފަރުދުންގެ ޝުއޫރުތައް ފޮޓޯގެ ޒަރީއާއިން ފާޅު ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ. މި މުބާރާތުގެ މައުލޫގެ ގޮތުގައި ހަމަޖައްސާފައިވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ދިރޭތަކެތީގެ ނަސްލެވެ.
ދެ ކެޓަގަރީއަކުން މި މުބާރާތަށް ފޮޓޯ ހުށަހެޅެ އެވެ. އެއީ ތިމާވެއްޓަށް ކުރާ އަސަރު އަދި މުރަކައިގެ ފަރުތަކުގެ ދިރުމެވެ. މި މުބާރާތުގައި ވަނަ ހޮވުމުގައި ޓެކްނިކަލް ފެމްވަރާއި، ފޮޓޯ ހުށަހަޅާފައިވާ ކެޓަގަރީ އާއި ހުރި ގުޅުމުގެ އިތުރުން އުފެއްދުން ތެރިކަމާއި ފަންނު ވެރިކަމަށް ބަލާނެ އެވެ.
މި މުބާރާތުގައި ވަނަ ހޮވަނީ ދެ ކެޓަގަރީ ވަކިންނެވެ. ކޮންމެ ކެޓަގަރީއަކުން އެއް ވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާ، ދެވަނަ އަށް ދާ ފަރާތަކަށް 7،000 ރުފިޔާ އަދި ތިން ވަނައަށް ދާ ފަރާތަކަށް 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ އެކަކަށް އެއް ފޮޓޯއަށް ވުރެ ގިނައިންވެސް ހުށަހެޅި ދާނެ ކަމަށެވެ. އިތުރު މައުލޫމާތު އެ މިނިސްޓްރީން ލިބޭނެ އެވެ.
ފޮޓޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް