މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަށް އަނެއްކާވެސް ބަދަލު އައިސްފި އެވެ.
މިއީ މިއަހަރު މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މިދިޔަ ފެބްރުއަރީ މަހު ވަނީ ނިސާބުގެ މިންވަރަށް ބަދަލު ގެނެސްފައި އެވެ. މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.
އިސްލާމިކް މިނސިްޓްރީން ބުނީ ޖޫން ތިންވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަކީ 4،861.15 ރުފިޔާ ކަމަށެެވެ. އޭގެ ކުރިން ފެބްރުއަރީ މަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 5،030.70 ރުފިޔާ އެވެ.
ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ އިސްލާމް ދީނުގައި ވާޖިބެކެވެ. މި ފައިސާ ބަހަނީ ފަގީރުންގެ މެދުގައި އެވެ.
ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު މުޅި ރާއްޖެ އިން 16،269 މީހުން ރަޖިސްޓްރީކުރި އެވެ. އަދި އެ މީހުންނަށް މުދަލު ޒަކާތުން 14.6 މިލިއަން ރުފިޔާ ބަހާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް