އެމްޑީޕީ ޕްރައިމަރީގައި އިސްކޮށް އުޅުނު ކައުންސިލަރުންނަށް ފިޔަވަޅު އަޅަނީ

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިސްކޮށް ހަރަކާތްތެރިވި ކައުންސިލަރުންނަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީން ފިޔަވަޅު އަޅަން ފަށައިފި އެވެ. އެލްޖީއޭއިން މި ފިޔަވަޅު އަޅަން ފެށީ ގާނޫނާއި ހިލާފު ...

06 Jun 2018 | 08:33

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިސްކޮށް ހަރަކާތްތެރިވި ކައުންސިލަރުންނަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީން ފިޔަވަޅު އަޅަން ފަށައިފި އެވެ.

އެލްޖީއޭއިން މި ފިޔަވަޅު އަޅަން ފެށީ ގާނޫނާއި ހިލާފު ޕްރައިމަރީއެއް ކުރިޔަށް ގެންދާތީ އެކަން ހުއްޓާލުމަށް ސިވިލް ކޯޓުން އަމުރު ނެރެފައިވަނިކޮށް ކައުންސިލަރުން އެ ޕްރައިމަރީ ބޭއްވުމަށް އިސްވެ ހަރަކާތްތެރިވެފައިވާތީ ކަމަށް ބުނެ އެވެ. އެލްޖީއޭއިން ވަނީ ބައެއް ރަށު ކައުންސިލްތަކަށް މިކަމާ ގުޅިގެން ސިޓީ ފޮނުވާފައި އެވެ.

އެލްޖީއޭ އިން ގއ. ދެއްވަދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ޕްރައިމަރީ ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމުގައި ދެއްވަދޫ ކައުންސިލްގެ އެހީތެރިކަމަށް އެދިފައި ވަނިކޮށް، ޕްރައިމަރީ ބޭއްވީ އެ ކައުންސިލްގެ ރައީސް އަހްމަދު ނަޖްމީ އާއި ނައިބު ރައީސް އިބްރާހިމް ތައުފީގް އިސްކޮށް ތިއްބަވައިގެން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހިނގައިދިޔަ ގޮތުގެ ލިޔެކިޔުން ފޮނުވައިދިނުމަށް އެލްޖީއޭ އިން ވަނީ އެދިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެދިގެން ސިވިލް ކޯޓުން އެ ޕްރައިމަރީ ހުއްޓުވުމުގެ ވަގުތީ  އަމުރު ނެރެދިނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން އެ ޕްރައިމަރީ ބާއްވާތީ އެވެ. ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން، އެމްޑީޕީގެ ރިއާސީ ޕްރައިމަރީ ބޭއްވި މައްސަލައިގައި އެ ޕާޓީއާ ދޭތެރޭ ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް އޮތީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް