ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން ރާއްޖޭގައި އަލަށް ޕްލާސްޓިކް ފުޅި ރީސައިކަލްކުރާ ރިވާސް ވެންޑިން މެޝިނެއް ބަހައްޓައިފި އެވެ.
މި މެޝިން ބަހައްޓާފައިވަނީ އައިޖީއެމްއެޗް އިމާރާތުގެ، ބޮޑު ތަކުރުފާނުމަގާއި ތާޖުއްދީން ހިނގުން ގުޅޭ ކަންމަތީގައެވެ. "ސްމާޓް ބިން" ގެ ނަމުގައި ހުޅުވި މި ރިވާސް ވެންޑިން މެޝިނަކީ އެމްޑަބްލިއުއެސްސީ އާއި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް، އައިބީއެމް ގުޅިގެން، ބެހެއްޓި މެޝިނެކެވެ.
ދުވާލަކު 538 ޕުލާސްޓިކް ހުސް ފުޅި އެޅޭ މި މެޝިން މެދުވެރިކޮށް 300 އެމްއެލް އިން ފެށިގެން 1.5 ލީޓަރާއި ހަމައަށް ކޮންމެ ވައްތަރެއްގެ ފުޅި އެޅޭނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، ސްމާޓް ބިން މެދުވެރިކޮށް ކަސްޓަމަރުން ރީސައިކަލްކުރާ ކޮންމެ ފުޅިއަކަށް 0.15 ޕޮއިންޓް ލިބިގެންދާނެ ކަމަށާއި މި މެޝިނުން ލިބޭ ޕޮއިންޓް ގެ މައުލޫމާތު އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް، އެޕް ބޭނުން ކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ. އަދި އެޕް ބޭނުން ނުކުރާ ފަރާތްތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިން ޕޮއިންޓް ލިބިގެންދާނެ ކަމަށެވެ.
އެސްއެމްއެސް މެދުވެރިކޮށް ލިބޭ ޕޮއިންޓް އެޕް ބޭނުންކުރާ އެހެން ފަރާތަކާ ހިއްސާވެސް ކުރެވޭނެ އެވެ. އެއްކުރެވޭ ޕޮއިންޓްތަކުން 30 ޕޮއިންޓް ހަމަވުމުން އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާއިރު، މި އަދަދު އުނިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެ ކުންފުނިން މީގެ ދެވަނަ މެޝިން ބަހައްޓާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ.
ބައެއް ގައުމުތަކުގައި ބަހައްޓާފައި ހުންނަ ވެންޑިން މެޝިނުތަކަށް ޕްލާސްޓިކު ހުސްފުޅި އެޅުމުން ވަގުތުން ލާރި ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް