ސަރުކާރުން އިއުލާނުކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދެވޭ ޝަރުތުތަކަށް އަނެއްކާވެސް ބަދަލެއް ގެނެސްފި އެވެ.
މިފަހަރު ބަދަލު ގެނައީ ޓީޗަރުންނަށް ކުރިމަތިލެވޭ ކެޓަގަރީ އަށެވެ. އެގޮތުން އިއުލާންކޮށްފައިވާ ގޮތުން މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ޕްރައިމަރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ތައުލީމުދޭ ސްކޫލުތަކުގެ ތެރެއިން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ފުލް ޓައިމް ޓީޗަރެއްގެ ވަޒީފާ އަދާކުރާ މީހުންނަށެވެ.
އެކަން އިސްލާހުކޮށް އަލުން ގެޒެޓުކޮށްފައިވާ ގޮތުން ޓިޗަރުންގެ ކެޓަގަރީއަށް ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ތައުލީމުދޭ ސްކޫލުތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ފަދަ މުއައްސަސާތަކުގެ ތެރެއިން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ފުލް ޓައިމް ޓީޗަރެއްގެ ވަޒީފާ އަދާކުރާ މީހުންނަށް ކުރިމަތިލެވޭނެ އެވެ.
މީގެ ކުރިން ވަނީ އަލަތު ކައިވެނި ކޮށްފައިވާ ފަރާތްތަކަށް ދޫކުރާ ފްލެޓުތަކުގެ ކެޓަގަރީއަށްވެސް އިސްލާހު ގެނެސްފައި އެވެ. އެގޮތުން އުމުރުން 40 އަހަރު ފުރޭ ދުވަހަކީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އަންނަ މަހުގެ 31 ގެ ނިޔަލަށް ފޯމު ބަލައިގެންނަނާނެ އެވެ. މި މަޝްރޫއުގެ ދަށުން 17 ކެޓަގަރީއަކުން 7،000 ފްލެޓު މިފަހަރު ދޫކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް