ރާއްޖެއާއި ގަތަރާއި ދެމެދު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުން ކަނޑާލީ ސަރުކާރުން ނިންމީ އެހެން ގައުމެއްގެ ނުފޫޒުން ނޫން ކަމަށް ބަނޑާރަ ނާއިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ރޭ ރައީސް އޮފީހުގައި ކުއްލިގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަނިލް ވިދާޅުވީ ރާއްޖެ އިން ނިންމާ ކޮންމެ ނިންމުމެއް ނިންމަނީ އަމިއްލައަށް، އެއްވެސް އެހެން ގައުމެއްގެ ނުފޫޒެއް ނެތި ކަމަށެވެ. ރާއްޖެއިން ކަންކަމުގައި ގޮތް ނިންމަނީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ދިވެހި ވަންތަކަމާ އެކު ކަމަށެވެ.
"ހާރިޖީ ސިޔާސަތާ އެކީގައި އަޅުގަނޑުމެން ގެންގުޅޭ ގައުމީ ސިޔާސަތުތަކަށް ރާއްޖެ އިން އިސްކަންދޭ. ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިހާރު ކަނޑައެޅިގެން ދޭ އެއްސިޔާސަތު އެއީ ޓެރަރިޒަމާއި ހައްދުފަހަނާޅައި ދިއުމަށް ޒީރޯ ޓޮލަރެންސް ދިނުން. މި ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ނިންމި ނިންމުމެއް މިއަދުގެ ނިންމުމަކީ،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓެރަރިޒަމާއި ހައްދުފަހަނާޅައިދިއުމަށް ވާގިވެރިވާ މީހުންނާ އެކު އެއްވެސް ގުޅުމެއް ބޭއްވުމަކީ ދިވެހި ސަރުކާރުން ތާއީދުކުރާ ކަމެއް ނޫނެވެ. ކެބިނެޓުން މި ނިންމުމަކީ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ގަތަރާއި ރާއްޖެއާއި ދެމެދު ގާއިމް ކޮށްފައިވާ ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުގެ ގުޅުން ނުކެނޑޭނެ ކަމަށް ފޮރިން މިނިސްޓަރު ޑޜ މުހައްމަދު އާސިމް ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނަނީ ގަތަރުން ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވަމުން ކަމަށެވެ. އޭގެ ތެރޭގައި މުސްލިމް ބްރަދަހުޑާއި ހަމާސް ޖަމާއަތާއި އީރާނަށް އެހީވުން ވެސް ހިމެނޭ ކަމަށް އެ ގައުމުތަކުން ތުހުމަތުކުރެ އެވެ.
ސައުދީ އިސްވެ އޮވެ ގަތަރާއި ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައުދީ އާއި، މިސްރު، ލީބިއާ، ބަހްރެއިން، ޔޫއޭއީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް