ސަރުކާރާއި އާންމު ރައްޔިތުން ހިއްސާވާ ކުންފުނި (އެމްޓީސީސީ)އަށް މިދިޔަ އަހަރު ލިބުނު ހިއްސާގެ ފައިދާ މާދަމާ ބަހަން ފަށަން ނިންމައިފި އެވެ.
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް ބަހަން ނިންމީ 20ރ. އެވެ. އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 81.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެ ކުންފުންޏަށް 2013 ވަނަ އހަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ބަހާފައިވަނީ 16ރ. އެވެ. މިއަހަރުގެ ހިއްސާ މާދަމާ ބަހަން ފަށާއިރު ހިއްސާދާރުންނަށް ބޯނަހުގެ ގޮތުގައި ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައިވެ އެވެ.
އެމްޓީސީސީން ވަނީ 1981 ވަނަ އަހަރުން ފެށިގެން ހިއްސާގެ ފައިދާ ނުނަގާ ތިބި އެ ކުންފުނީގެ ހިއްސާދާރުން މިދިޔަ އަހަރުތަކުގެ ފައިދާ ނެގުމަށް އެދިފަ އެވެ. ހިއްސާގެ ފައިސާ ދޫކުރާނީ ހިއްސާގެ ސެޓްފިކެޓްތައް ގެނައުމުން ކަމަށާއި ބޭންކް އެކައުންޓަށް ހިއްސާގެ ފައިދާ ޖަމާކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ ޖަމާކޮށްދޭނެ ކަމުގައިވެސް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް ބެހުމަށް ނިންމާފައިވާ އަދަދު ދޫކުރުމަށް ހަމަޖައްސާފައިވަނީ ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް އެމްޓީސީސީގެ ހެޑް އޮފީހުގެ ހަތްވަނަ ފަންގިފިލާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް