ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ތިބި ފަރާތްތަކުން ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ދައްކާފައި ނުވާ ފައިސާ ތިން މަސް ތެރޭގައި ދައްކަން އަންގައިފި އެވެ.
ހައުސިންގ މިނިސްޓްރީން ގެޒެޓު ކޮށްފައިވާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ސަރަހައްދުގައި ހިމެނޭ ތަންތަނުގައި ވިޔަފާރިކުރުމަށް ގޮޅި ދޫކުރުމުގައި އަމަލުކުރާނެ އުސޫލުގައި ބުނެފައި ވަނީ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނީ ހައުސިން މިނިސްޓްރީ އާއި ގޮޅިތައް ހަވާލުވި ފަހުން ގަވާއިދުން ފައިސާ ދެއްކި ކަމުގައި ވިއަސް ކުރިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތައް ކަމަށެވެ.
އުސޫލުގައި ބުނެފައި ވަނީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްގޮތަކަށް ވެސް ނުދައްކާ ފަރާތްތަކުގެ ބިންތައް އެ އުސޫލަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން މިނިސްޓްރީ އަށް ނެގޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުވަތަ ދައްކަން ޖެހޭ ކުލިތައް ގަވާއިދުން ދައްކާ ފަރާތްތަކަށް އެއްބަސްވުމުގައި ބާކީ އޮތް މުއްދަތައް ތަން ހިންގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.
ވަގުތީ ގޮޅިތައް ފިޔަވާ އެހެން ކޮންމެ ގޮޅިއެއްގެ ކުއްޔަކީ މަހަކު 2000 ރުފިޔާ އެވެ. އަދި މެއިންޓެނެންސް ފީ އެއްގެ ގޮތުގައި މަހަކު 200 ރުފިޔާ ނެގޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކުލި ދައްކަން ޖެހޭ ދުވަހު ނުދައްކައިފި ނަމަ 50 ރުފޔާގެ ޖޫރިމަނާ އެއް ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް