ހަނގުރާމަ މެދުކަނޑާލަން ހަމާސް އިން އެއްބަސްވެއްޖެ – ދެން އޮތީ އިޒްރޭލުގެ ބަސް

މާދަމައަށް ހަތް މަސް ފުރޭ، އިޒްރޭލު ހަމާސް ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމަށް ހަމާސް ޖަމާއަތުން އާނބަސް ބުނެފިއެވެ. އެކަން ހަމާސް އިން އިއުލާނުކޮށްފައިމިވަނީ މިކަމުގެ މަޝްވަރާތަކަށްފަހު މިރޭގެ...

06 May 2024 | 18:25

މާދަމައަށް ހަތް މަސް ފުރޭ، އިޒްރޭލު ހަމާސް ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމަށް ހަމާސް ޖަމާއަތުން އާނބަސް ބުނެފިއެވެ.

އެކަން ހަމާސް އިން އިއުލާނުކޮށްފައިމިވަނީ މިކަމުގެ މަޝްވަރާތަކަށްފަހު މިރޭގެ ވަގުތެއްގައެވެ.

އެގޮތުން ހަމާސް އިން މިރޭ ބުނީ ހަނގުރާމަ މެދުކަނޑައިލުމަށް ހަމާސް އަށް އެއްބަސްވެވުނީ ތިން މަރުހަލާއެއްގެ ގޮތުގައި ގެންދިއުމަށް ކަމަށާއި އަދި ހަމާސް އިން އެދޭގޮތަށް ކަންތައްތައް ކޮށްދޭނެކަމަށް އެމެރިކާގެ ރައީސް އެއްބަސްވެފައިވާކަމަށެވެ.

ހަމާސް ޑެޕިއުޓީ ލީޑަރު ޚަލީލް އަލް-ހައްޔާ ދެންމެ ބުނެފައިވަނީ އެގޮތުން ފުރަތަމަ ފޭސް އަކީ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް އެކި ދިމަދިމާއަށް ވިއްސި ވިހާލިވެފައިވާ ފަލަސްތީނުގެ ރައްޔިތުން އެނބުރި އައުމުގެ މަރުހަލާއާއި ހުއްޓުމެއްނެތި އެހީ އާއި ތެލާއި އެހެނިހެން ސާމާނު ޣައްޒާއަށް އެތެރެވުމުގެ ދޮރު ހުޅުވިގެން ދިއުން ކަމަށެވެ.

އަދި ފުރަތަމަ މަރުހަލާގައި އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަންހެން އަސީރުން ދޫކޮށްލާއިރު އެއިން ކޮންމެ އަސީރަކަށް، އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 50 ގައިދީއަކު މިނިވަން ކުރުމެވެ. އަދި ދެވަނަ މަރުހަލާގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ފިރިހެން އަސީރުން ދޫކުރާއިރު އެއްބަސްވެވޭ އަދަދަކަށް އިޒްރޭލު ފަޅިން ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމެވެ.

ތިންވަނަ މަރުހަލާއަކީ ތިން އަހަރާއި ފަސް އަހަރަށް ދެމިގެންދާނެހެން ޣައްޒާ އާރާސްތު ކުރުމުގެ ޕްލޭނެއް އެކުލަވައިލުމެވެ.

ހަމާސް އިން ބުނަނީ މިކަންކަމަށް އެމެރިކާގެ ރައީސް އެއްބަސްވާކަމަށެވެ. ނަމަވެސް އެމެރިކާއިން އަދި މިކަމުގައި ރަސްމީ ބަހެއް ނުބުނެވެ. އަދި އިޒްރޭލުންވެސް ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަދި އާނބަސް ނުބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް