މި ސީޒަން ނިންމާލާނީ ކިންގްސް ކަޕް ތައްޓާއި އެކު: ރޮނާލްޑޯ

އަލް ނަޞްރުން މިފަހަރު ލީގު ނިންމާލާނީ ސައުދީ ކިންގްސް ކަޕް ތައްޠާއި އެކުގައި ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ސައުދީ ލީގުގައި ރަސްކަން ކުރަމުން އަންނަ ރޮނާލްޑޯ ބުނީ ލީގު ތަށި މިފަހަރ...

06 May 2024 | 14:36

އަލް ނަޞްރުން މިފަހަރު ލީގު ނިންމާލާނީ ސައުދީ ކިންގްސް ކަޕް ތައްޠާއި އެކުގައި ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ސައުދީ ލީގުގައި ރަސްކަން ކުރަމުން އަންނަ ރޮނާލްޑޯ ބުނީ ލީގު ތަށި މިފަހަރު ނުލިބުނު ނަމަވެސް ލީގު ހުސްއަތާ ނިންމާލަން ބޭނުން ނުވާކަމަށާއި އެގޮތުން ސީޒަން ނިންމާލާނީ ކިންގްސް ކަޕް ތައްޓާއި އެކުގައިކަމަށެވެ.

އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ ބުނީ މިފަހަރުގެ ލީގު ތަށި އަލް ނަޞްރަށް ކާމިޔާބު ނުވި ނަމަވެސް އަންނަ ސީޒަނުގެ ލީގު ތަށި ނެގޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ. މި ސީޒަނުގައި ސައުދީ ލީގު ނެގުމާއި އެންމެ ގާތުގައި އޮތީ އަލް ހިލާލް އެވެ. އަލް ހިލާލް އޮތީ މިހާތަނަށް ލީގުގައި ކުޅުނު 29 މެޗުން 83 ޕޮއިންޓު ހޯދައިގެން ތާވަލްގެ އެންމެ ކުރީގައެވެ. އެއީ ދެވަނާހައި އޮތް އަލް ނަޞްރަށް ވުރެ ނުވަ ޕޮއިންޓް އިތުރު އަދަދެކެވެ. އަލް ނަޞްރަށް ލިބިފައިވަނީ 29 މެޗުން 74 ޕޮއިންޓެވެ.

މިހާތަނަށް އަލް ނަޞްރަށް ކުޅެދިން 27 މެޗުން 42 ގޯލު ހަމަކުރި ރޮނާލްޑޯ ބުނީ އޭނާ އަންނަ ސީޒަނުގައި ވެސް ފެނިގެންދާނީ އަލް ނަޞްރުގެ ޖާޒީގައި ކަމަށާއި އަންނަ ސީޒަނުގައި އަލް ނަޞްރާއި އެކު އިތުރު ކާމިޔާބީތަކެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެގޮތުން އަންނަ ސީޒަނުގެ ލީގުތަށި ހޯދުމުގެ އިތުރުން އިތުރު މުބާރާތްތައްވެސް ނަޞްރާއި އެކު ކާމިޔާބު ކުރަން ބޭނުންކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

" އަހަރެމެންނަށް އަދިވެސް އުންމީދު އެބައޮތް، ލީގު ނުނެގުނު ނަމަވެސް، ސީޒަން ނިންމާލާނީ ކިންގްސް ކަޕް ތައްޓާއި އެކު." ރޮނާލްޑޯ ބުންޏެވެ.

މި ސީޒަނުގައި އަލް ނަޞަރަށް ދެން ލިބެން އޮތީ އެންމެ ތައްޓެކެވެ. އެއީ ސައުދީ ކިންގްސް ކަޕް ތަށިއެކަންޏެވެ. އެ ތަށިވެސް ނުލިބިއްޖެ ނަމަ އަލް ނަޞްރުން މި ސީޒަން ނިންމާލަން ޖެހޭނީ ހުސްއަތާއެވެ. އޭސީއަން ޗެމްޕިއަނަސް ލީގުގެ އިތުރުން ސައުދީ ސުޕަކަޕް ވެސް އެޓީމަށް ނުލިބުނުއިރު، ލީގު ތަށްޓާއި މެދުވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާލެވޭ ގޮތް ނަޞްރަށް ވަނީ ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް