ސައުދީ ލީގުގައި ވެސް ލަނޑުޖަހަން ފަސޭހައެއް ނޫން، އެހެނަސް ރޮނާލްޑޯ އެކަން ކުރަނީ ފަސޭހަކަމާއި އެކު: ބެންޒެމާ

ސައުދީ އަރަބިއްޔާ ސުޕަ ލީގަކީވެސް ވަރުގަދަ ކުލަބުތަކެއް ވާދަކުރާ އަދި ލަނޑުޖަހަން ވަރަށް އުނދަގޫ ލީގެއްކަމަށާއި ނަމަވެސް އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެކަން ކުރަނީ ވަރަށް ފަސޭހަކަމާއި ...

06 May 2024 | 08:27

ސައުދީ އަރަބިއްޔާ ސުޕަ ލީގަކީވެސް ވަރުގަދަ ކުލަބުތަކެއް ވާދަކުރާ އަދި ލަނޑުޖަހަން ވަރަށް އުނދަގޫ ލީގެއްކަމަށާއި ނަމަވެސް އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެކަން ކުރަނީ ވަރަށް ފަސޭހަކަމާއި އެކުގައި ކަމަށް އަލް އިއްތިހާދުގެ ކެޕްޓަން ކަރީމް ބެންޒެމާ ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަމުން ބެންޒެމާ ބުނީ، ސައުދީ ލީގުގައި އޮތީ ހައްތަހާވެސް ވަރުގަދަ ކުލަބުތައް ކަމަށާއި އެ ކުލަބުތަކާއި ދެކޮޅަށް ކުޅެ ސްކޯ ކުރުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި ޔޫރަޕްގެ ކުލަބުތަކަާއި ދެކޮޅަށް ލަނޑު ޖެހުމަށް ވުރެ ސައުދީ ލީގުގައި ލަނޑު ޖެހުން އުނދަގުކަމަށް ވެސް އޭނާ ބުންޏެވެ.

އެހެން ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެ ލީގުގައި ސްކޯ އެއް ކޮށްލުމަކީ އުނދަގޫކަމެއް ކަމަށް ނުފެންނަ ކަމަށާއި ރޮނާލްޑޯ އަންނަނީ އޭނާ ކުޅޭ ކޮންމެ މެޗެއްގައި ވެސް ގިނަ ލަނޑުތަކެއް ޖަހަމުންކަމަށް ބެންޒެމާ ބުންޏެވެ. އަދި ސައުދީ ލީގުގައި ރޮނާލްޑޯ ޖަހާ ގޮތަށް ފަސޭހަކަމާއި އެކު ލަނޑު ޖެހުމަކީ ކޮންމެކޮންމެ ކުޅުންތެރިއަކަށް ކުރެވޭނޭ ކަމެއް ނޫންކަމަށް ވެސް ބެންޒެމާ ބުނެފައިވެއެވެ.

" އަހަރެން ސައުދީ ލީގަށް ބަދަލުވިއިރު، ހީކުރި ގޮތަކަށް ނޫން ކަންކަންވެގެން ދިޔައީ. އަހަރެން ހީކުރިން ސައުދީ ލީގުގައި ކުޅެން ވެސް އަދި ލަނޑުޖަހަން ވެސް ފަސޭހަވާނޭކަމަށް. އެކަމު ހީކުރެވުނު ގޮތް މުޅިން ތަފާތު. އެ ލީގު ވީ ކުޅެން ވެސް އަދި ލަނޑު ޖަހަންވެސް އުނދަގޫ ލީގަކަށް. އެހެން ނަމަވެސް ރޮނާލްޑޯ އެކަންވެސް އެބަކުރޭ. އޭނާއަށް ޔޫރަޕުގެ ކުލަބުތަކާއި ދެކޮޅަށް ލަނޑު ޖެހިފަދައިން ސައުދީ ލީގުގައިވެސް ގިނަ ލަނޑުތަކެއް އެބަ ޖަހާ. އެއީ ރޮނާލްޑޯއަށް ވަރަށް ފަސޭހަކަމަށް ވެފައި ވަނީ." ބެންޒެމާ ބުނެފައިވެއެވެ.

ބެންޒެމާ އިތުރަށް ބުނީ ރޮނާލްޑޯ އަކީ އުމުރުން ދޮށި ނަމަވެސް އަދިވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއްކަމަށެވެ. އަދި ވެސް އެންމެ ގޯލާއި ރައްޓެހި ކުޅުންތެރިއަކީ ރޮނާލްޑޯކަމަށް ބެންޒެމާ ބުނެފައިވެއެވެ.

ރޮނާލްޑޯ ވަނީ މި ސީޒަނުގައި މިހާތަނަށް 30 އަށް ވުރެ ގިނަ ލަނޑު އަލް ނަޞްރަށް ޖަހައިދީ، ހަ ހެޓްރިކް ހަދައިފައެވެ. އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ވަނީ ތިން ލަނޑު ޖަހައިދީ ހެޓްރިކެއް ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް